- Advertisement -spot_img

ރަސްމާލޭގައި އެހެން ދީންތަކަށް ފުރުސަތެއް ނޯންނާނެ: ރައީސް

އީގަލް ހިލްސް އިން ރަސްމާލޭގައި ތަރައްގީކުރާ ސަރަހައްދުގައި އެހެން ދީންތަކަށް ފުރުސަތު ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

”ދަ ޕަލްސް“ ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ އޮތީ ދިވެހި ދައުލަތުގެ އިމުގެ ތެރޭގައި ކަމަށާއި އެތަނުގައި އެހެން ދީންތަކަށް ފުރުސަތު ނޯންނާނެ ކަމަށެވެ.

”މިއީ ދިވެހި ދައުލަތުގެ ތެރޭގައި އޮތް ބިމެއް. ހުރިހާ ގޮތަކުންވެސް ދިވެހި ދައުލަތުގެ އިމުގެ ތެރޭގައި މި އޮތީ. އެހެންވީމާ ދިވެހި ދައުލަތުގެ ގާނޫނުއަސާސީ މިތަނަށް ހިނގާނީ. ގާނޫނުއަސާސީ ވަރަށް ސާފު. އެހެންވީމާ އެއް ގޮތަކަށްވެސް ފުރުސަތެއް އޮތް ކަމެއް ނޫން އެހެން ދީނެއް ޕްރެކްޓިސް ކުރަން. ދީނެއްގެ މީހުން އެތަނުގައި އެ މީހުންގެ ދީނީ ކަންތައްތައް ކުރުމަށްޓަކައި އެކި ކަހަލަ ކަންތައްތައް އެތަނުގައި ހިންގުމަށް ފުރުސަތު ދިނުމަކީ އެއީ ރާއްޖޭގެ އިމުގެ ތެރޭގައި ދިވެހި ދައުލަތުގެ އިމުގެ ތެރޭގައި ހިނގާނެ ކަމެއް ނޫން. ހިންގޭނެ ކަމެއްވެސް ނޫން،“ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި އަބަދުވެސް ދެ ލައްކައެއްހާ ފަތުރުވެރިން އުޅޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރިސޯޓުތަކުގައި ހުންނަނީ މިސްކިތް ކަމަށާއި އެހެން ދީންތަކުގެ އަޅުކަންކުރާ އިމާރާތްތައް ނުހުންނަ ކަމަށެވެ. ހަމަ އެގޮތަށް ރަސްމާލޭގައިވެސް ހުންނާނީ މިސްކިތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމާލެއަށް ބިދޭސީންގެ ބޮޑު އާބާދީއެއް އަންނަ ކަމަށް ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކަމުންދާއިރު މާލެ ސަރަހައްދުގައި އުޅޭ މަސައްކަތްކުރާ ބިދޭސީންގެ ބޮޑު އާބާދީގެ ވާހަކަ އެ ފަރާތްތަކުން ނުދައްކާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

”ލައްކައެއް ދެ ލައްކައެއްހާ ބިދޭސީން އެބައުޅޭކަންނޭނގެ މާލޭ ސަރަހައްދުގައިވެސް. މިކަމަށް ސިޔާސީ ގޮތުން ވާހަކަ ދައްކާ ފަރާތްތަކުން އެއްވެސް ވަރަކަށް ރިއާޔަތެއް ނުކުރޭ،“ ރައީސް ވިދާޅުވިއެވެ.

ރަސްމާލޭގައި އީގަލް ހިލްސް އިން ތަރައްގީކުރާ ސަރަހައްދުގައި ސްކޫލެއް ނުހުންނާނެ ކަމަށާއި ނަމަވެސް ދިވެހި ފުލުހުންގެ މަރުކަޒެއް އެތަނުގައި ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް