- Advertisement -spot_img

ރަސްމީ ދަތުރުފުޅަށް ރައީސް ޕާކިސްތާނަށް ފުރާވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވާ މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް އޮފީހުން ޢާންމުކުރި ބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅު ކުރިއަށްދާނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

މިއީ 26 ޖުލައި 1966 ގައި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރި ފަހުން، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ބޭއްވޭ އެންމެ މަތީ ފަންތީގެ ރަސްމީ ބައްދަލުވުމެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރެއްވުމާއި، ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީއާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކުރައްވާނެއެވެ. އަދި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ބާއްވަވާ ރަސްމީ މަޝްވަރާތަކަށްފަހު، ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ޖުމުލަ 12 ފަހުމުނާމާއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުން ފާހަގަކުރި ގޮތުގައި މިއީ ރައީސް ޑރ. މުޢިއްޒުގެ މޯލްޑިވްސް ފަސްޓް ޚާރިޖީ ސިޔާސަތުގެ ދަށުން، އަވައްޓެރި ޤައުމުތަކާއެކު އޮންނަ ގުޅުން ވަރުގަދަކޮށް ތަރައްޤީއަށް ބޭރުގެ އެއްބާރުލުން ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ބައެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގެ ކުރިން، މިދިޔަ ސެޕްޓެމްބަރު މަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިސްކޮށް ހުންނަވައި، ވެރިކަންކުރާ ޕީއެންސީގެ 15 މެންބަރުންގެ ރަސްމީ ވަފުދެއް ޕާކިސްތާނަށް ތަޖުރިބާ ހޯދުމުގެ ދަތުރުފުޅެއް ކުރައްވައި، ޤާނޫނުހަދާ މަޖިލީހުގެ އިސް ބޭފުޅުންނާއެކު ގުޅުން ބަދަހިކުރުމާއި ޤާނޫނީ ދާއިރާއިން އެއްބާރުލުން ދިނުމާ މެދު ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، ދެކުނު އޭޝިއާގެ ސަރަޙައްދީ ޖަމާޢަތް ކަމަށްވާ ”ސާކް“ އަލުން ހިންގުމަށް ރާއްޖެއިން މެދުވެރިއެއްގެ ދައުރު އަދާކުރާނެ ކަމަށް ރައީސް އިޢުލާންކުރައްވާފައިވާތީ، މި ދަތުރުފުޅުގައި އެކަމާ ގުޅޭ މަޝްވަރާތައް ވެސް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް