- Advertisement -spot_img

އިތުރު ތިން ވަޒީރުންނާއެކު ”އަހާ“ ފޯރަމް އާދީއްތަ ދުވަހުގެ ރޭ ބާއްވަނީ

ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކުގެ މައުލޫމާތު އާއްމުންނާ ވަޒީރުން ހިއްސާކުރެއްވުމާއެކު، އެ ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އާއްމުން ކުރަން ބޭނުންވާ ސުވާލުތައް ވަޒީރުންނާ ކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ”އަހާ“ ފޯރަމުގެ ބައްދަލުވުމެއް އަންނަ އާދީއްތަދުވަހުގެ ރޭ އޮންނާނެއެވެ.

”އަހާ“ ފޯރަމަކީ ސަރުކާރުގެ ވުޒާރާތަކުން ތަންފީޒުކުރަމުންދާ ސިޔާސަތުތަކާއި ހިންގަމުންދާ މަޝްރޫއުތަކުގެ އަަދާހަމަ މައުލޫމާތު ހާމަކުރުމާއެކު، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިޔާ ޕީއެސްއެމް ގުޅިގެން ބާއްވާ ސިލްސިލާ ފޯރަމްތަކެކެވެ.

އާދީއްތަ ދުވަހުގެ ރޭ ބާއްވާ ފޯރަމުގައި ތިން ވަޒީރަކު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މި ފޯރަމު ބާއްވާނީ އެ ރޭ 21:00 ގައެވެ. އެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާނީ ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދު، އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު އަދި ބަންޑާރަ ނައިބު އަލްއުސްތާޒް އަހުމަދު އުޝާމެވެ.

މި ފޯރަމުތައް އިންތިޒާމުކޮށްފައިވާ ގޮތުން ފޯރަމް ކުރިއަށްގެންދާނީ ދެ ގަޑިއިރުގެ މުއްދަތަކަށެވެ. އެ ފޯރަމުގައި ބައިވެރިވެ ބޭނުންވާ ސުވާލެއް ކުރުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ. ފޯރަމުގައި ހާޒިރުވެ ސުވާލުކުރުމުގެ އިތުރަށް، ޕީއެސްއެމްގެ އެޕްލިކޭޝަން މެދުވެރިކޮށް ސުވާލުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މި ސަރުކާރުން ”އަހާ“ ފޯރަމް ފެށީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އަދި އޭގެ ފަހުން އެ ސިލްސިލާގެ ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ.

އެންމެ ފަހުން ”އަހާ“ ފޯރަމްގެ ބައްދަލުވުމެއް ބޭއްވީ މިދިޔަ އާދިއްތަ ދުވަހުގެ ރެއެވެ. އެރޭ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމާއި، ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނާއި، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވަނީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް