ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު މަހީރާ މުހައްމަދު އެ މަގާމުން ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކޮށްފައިވާކަން ކަށަވަރުވެފައިވީ ނަމަވެސް، މަގާމުން ވަކިކުރި ސީދާ ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
މަހީރާ މަގާމުން ވަކިކޮށްފައި މިވަނީ، އެ ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް އަމްޖަދު މުސްތަފާ އައްޔަންކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް އަމްޖަދު އައްޔަންކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އިސްހާގު ހުސައިން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފާތިމަތު މަހީރާ މުހައްމަދު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ 15 އޭޕްރީލް 2022 ގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ދާދި ފަހުން އިސްތިއުފާ ދެއްވި އިސްހާގު ހުސައިން އާއި މަގާމުން ވަކިކުރި މަހީރާ އަކީ އެއް ދުވަހެއްގައި ޓްރައިބިއުނަލްގެ އިސް މަގާމުތަކަށް އައްޔަންކުރެވުނު ދެ ބޭފުޅުންނެވެ. މި ބަދަލުތަކާއެކު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ހިންގުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.



