ހއ. ފިއްލަދޫގައި ތަރައްޤީކުރާ ޓޫރިޒަމް ޒޯނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށްޓަކައި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުން (އެމްއޯޔޫ)ގައި ފިއްލަދޫ ކައުންސިލާއި މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާމިދު “ތިލަދުން”އަށް ވިދާޅުވީ، އެ ރަށުގައި ޓޫރިޒަމަށް ދޫކޮއްފައި އޮތް ސަރަޙައްދަކީ މީހުން ދިރިއުޅޭ ސަރަޙައްދަށްވުރެ ބޮޑު ސަރަޙައްދެއްކަމަށާއި، މި ވީހާތަނަށް އެ ސަރަޙައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮއްދިނުމަށް ކުންފުނިތަކަށްވަނީ އުނދަގޫ ކަމަކަށް ވެފައެވެ. ނަމަވެސް ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ އެ ރަށުގެ ޓޫރިޒަމް ޒޯނަށް އެ ޚިދުމަތްތައް ފޯރުކޮއްދިނުމަށް އެމްޑަބްލިޔުއެސްސީއާ ޙަވާލު ކުރީ ވަރަށް ބޮޑު އުއްމީދަކާއެކު ކަމަށް ޙާމިދު ވިދާޅުވިއެވެ.
މީގެއިތުރުން މި ނޫހަށް މަޢުލޫމާތު ދެއްވަމުން ޙާމިދު ވިދާޅުވީ، މި ޚިދުމަތްތައް ޤާއިމުވެގެން ދިއުމުން ރަށުގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށެވެ. އަދި މި ޓޫރިޒަމް ޒޯނުގައި ޖުމްލަ 2,000 އެނދުގެ ޖާގަ ހުންނާނެ ކަމަށާއި، އޭގެ ސަބަބުން ފިއްލަދޫގެ އިތުރުން ކައިރި ރަށްރަށުގެ ރައްޔިތުންނަށް ވެސް ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފިއްލަދޫ ޓޫރިޒަމް ޒޯނުން މިހާތަނަށް 94 ބިން ދޫކޮށްފައިވާއިރު، ބައެއް ފަރާތްތަކުން މިހާރުވެސް ދަނީ އެ ބިންތަކުގައި ވަރަށް ބާރަށް އިމާރާތްކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. ނަމަވެސް، އެ ސަރަޙައްދުގައި ފެނާއި ކަރަންޓުގެ ޚިދުމަތް ނެތުމުގެ ސަބަބުން މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން މި އެއްބަސްވުމުގެ ދަށުން އަސާސީ ޚިދުމަތްތައް ޤާއިމުވެގެން ދިއުމަކީ މި ދަތިތަކަށް ބޮޑު ޙައްލެއް ލިބިގެންދާނެ ކަމަށް ވެސް އެ ކައުންސިލުން މައުލޫމާތު ދިނެވެ.
ކައުންސިލްގެ މައިގަނޑު އަމާޒަކީ ފިއްލަދޫގެ ކޮންމެ ރައްޔިތަކީ ވެސް ބިންވެރިއެއް ނުވަތަ ބިމުގެ ވެރިއަކަށް ހެދުން ކަމުގައިވާއިރު، މި ޓޫރިޒަމް ޒޯނު ތަރައްޤީވެގެން ދިއުމަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.



