- Advertisement -spot_img

ޝެއިޚް ރާޝިދު އަވަހާރަވުމުން ރައީސްގެ ތަޢުޒިޔާ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ކޮއްކޮ، ޝެއިހް އަހުމަދު ބިން ރާޝިދު އަލް މަޚްތޫމް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ޢާއިލާ އާއި ޔޫއޭއީގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައިވެ އެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމް އަހުމަދު ބިން ރާޝިދު ލެހެއްޓެވުން އެދި ދުއާ ކުރެއްވިއެވެ.

ޝެއިހް އަހުމަދު ބިން ރާޝިދު އަވަހާރަވީ މިއަދު، އުމުރުފުޅުން 76 އަހަރުގައެވެ.

ޝެއިހް އަހުމަދު ބިން ރާޝިދު އަވަހާރަވުމުގެ ހިތާމައިގައި، މިއަދުން ފެށިގެން ދުބާއީގައި ރަސްމީކޮށް ހިތާމަފާޅުކުރުމުގެ 10 ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅާފައެވެ. އަދި މި މުއްދަތުގައި ދުބާއީގެ ދިދަތައް ބައިދަނޑިއަށް ތިރިކުރުމަށްވެސް ވަނީ ނިންމާފައެވެ.

ޝެއިހް އަހުމަދު ބިން ރާޝިދު ވަނީ ދުބާއީ ޕޮލިސް އެންޑް ޕަބްލިކް ސެކިއުރިޓީގެ ޑެޕިއުޓީ ޗެއާމަންކަން ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް