ރަސްމާލޭގައި ވޯޓާފްރަންޓާއި މެރީނާއެއް ތަރައްގީކުރަން 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމެންޓާއި، ޔޫއޭއީގެ އީގަލް ހިލްސް އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ މިފަދަ އެންމެ އުއްމީދީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢުގެ ގޮތުގައި ސިފަކޮށްފައިވާއިރު، އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޖުމްލަ ޚަރަދު ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ ދެފަރާތުގެ އެއްބަސްވެވޭ ތަޞައްވުރާއި ވިޔަފާރީގެ މައިގަނޑު އުސޫލުތަކެވެ. މަޝްރޫޢު ކުރިއަށްދާ ވަރަކަށް ތަފްޞީލީ ޝަރުޠުތައް އެކުލަވާލުމަށް ހަމަޖެހިފައިވާއިރު، މިއީ ދިވެހިރާއްޖެއަށް އިންޤިލާބީ ބަދަލެއް ގެނުވާނެ ދުރުރާސްތާގެ ތަޞައްވުރެއްގެ ގޮތުގައި އެ މިނިސްޓްރީން ސިފަކުރެއެވެ. މީގެއިތުރުން، މިއީ ރާއްޖެއަށް ބައިނަލްއަޤްވާމީ މާލީ އިންވެސްޓްމަންޓްތައް ގެނައުމަށް އެޅޭ ވަރަށް މުހިންމު އައު ބިންގަލެއްކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، އީގަލް ހިލްސް އަދި އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލައްބާރަކީ ދިރިއުޅުމަށް ބޭނުންވާ މާޙައުލުތައް މާސްޓަރ ޕްލޭންކޮށްގެން އުފެއްދުމުގެ މޭސްތިރިއެއް ކަމަށެވެ.
”ޑައުންޓައުން ދުބާއީ ބިނާކުރުމުން ފެށިގެން ބެލްގްރޭޑް ވޯޓަރފްރަންޓާއި ދުނިޔޭގެ ތިން ބައްރެއްގައި ތަރައްޤީކޮށްފައިވާ މަންޒިލްތަކަށް ބަލާއިރު، ސިޓީއެއްގެ ފެންވަރުގެ ބޮޑެތި މަންޒިލްތައް ބިންގަލުން ފެށިގެން ބިނާކުރުމުގައި ދުނިޔޭގެ ރިއަލް އެސްޓޭޓް ދާއިރާގައި މިފަދަ ޤާބިލުކަމެއް ހުރި ނަންތައް ވަރަށް މަދެވެ. މިއީ ރަސްމާލެއަށްޓަކައި އަޅުގަނޑުމެން ކަށަވަރުކުރި ފެންވަރު ރަނގަޅު ބައިވެރިވުމެއް،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްޠަލިބު އިތުރަށް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް ކުރިއަށްގެންދެވޭ އެންމެ ބޮޑު އިންވެސްޓްމަންޓް ޕްރޮގްރާމް ކަމަށެވެ. އެގޮތުން، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއިން ދިހަވަރަކަށް ބިލިއަން ޑޮލަރުގެ އެތެރޭގެ އިންވެސްޓްމަންޓް ދައުރުވެ، 54،000 އަށް ވުރެ ގިނަ ވަޒީފާއާއި، ދިވެހި ޢާއިލާތަކަށް އެތައް ހާސް ގެދޮރެއް އުފެދިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން އެއްވެސް ދަރަންޏެއް ނުނަގައި ދުނިޔޭގެ ފެންވަރުގެ އުމްރާނީ ވަސީލަތްތައް ޤާއިމުކުރެވި، ކޮންމެ އަހަރަކުވެސް ދައުލަތަށް ސީދާ އާމްދަނީ ލިބިގެންދާނެކަން މުއްޠަލިބު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢާ މެދު އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލާއްބާރު ވިދާޅުވީ ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކާ އަޅާނުކިޔޭ ފަދަ ޤުދުރަތީ ރީތިކަމަކާއި ބައިނަލްއަޤްވާމީ މަޤްބޫލުކަމެއް ލިބިފައިވާ ޚާއްޞަ ޤައުމެއް ކަމަށެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ އެ ބާރުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފައި، ހަޤީޤީ މާނައިގައި ދުނިޔޭގެ ފެންވަރުގެ ކަމެއް އުފެއްދުން،“ އަލާއްބާރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ބައިނަލްއަޤްވާމީ މެހެމާންދާރީގެ ޚިދުމަތްތަކާއި، ފެންވަރު މަތީ ދިރިއުޅޭ ތަންތަނާއި، ބްރޭންޑެޑް ރެސިޑެންސްތަކާއި، މެރީނާއަކާއި، ވިޔަފާރިއާއި ކެއިންބުއިމުގެ ޚިދުމަތްތަކުގެ އިތުރުން ތަޢުލީމީ، ޞިއްޙީ އަދި އިޖުތިމާޢީ އެކި ވަސީލަތްތައް ޤާއިމުކުރެވޭނެއެވެ. މަޝްރޫޢު ނިމުމުން އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންނަށް މަރުޙަބާ ކިޔައި، ފަތުރުވެރިކަމުން އަހަރަކު 2 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އަދި މުޅި މަޝްރޫޢު ކުރިއަށްދާނީ ނާޒުކު ކަނޑުގެ ދިރުންތަކަށް ރިޢާޔަތްކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ އުޞޫލުތަކާ އެއްގޮތަށް ދެމެހެއްޓެނިވި ގޮތެއްގައެވެ.



