ރ. ދުވާފަރު ޓައިނީ ސްޓާ ޕްރީ ސުކޫލު ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ޖުލައި 3 ވަނަ ދުވަހު މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ދުވާފަރު ޕޮލިސް ސްޓޭޝަނާއި ޓައިނީ ސްޓާ ޕްރީ ސުކޫލު ގުޅިގެންނެވެ.
30 ބެލެނިވެރިން ބައިވެރިވި މި ސެޝަންގައި، ކުދިންގެ އަހުލާގު ރަނގަޅުކުރުމަށާއި، އެކި އުމުރުފުރާގައި ކުދިންގެ އަހުލާގަށް އަންނަ ބަދަލުތައް ދެނެގަނެ ރަނގަޅުގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
އަދި ގޭތެރެއިން ކުދިންނަށް ރަނގަޅު ނަމޫނާ އަބަދުވެސް ދެއްކުމަށާއި، ކުދިންގެ އުމުރާ ގުޅޭގޮތަށް ގޭތެރޭގެ ކަންކަމުގައި ބައިވެރިކުރުމަށާއި އަމިއްލަ ކަންކަން އަމިއްލައަށް ކުރުމަށް ބާރުއެޅުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.



