- Advertisement -spot_img

ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލަކީ ރައްޔިތުންގެ ވިންދާ ގުޅިފައިވާ ކެރޭ ނިންމެވުމެއް: މުންދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުން 10 ވަޒީރަކު އިސްތިއުފާދެއްވައި، ސަރުކާރު ހިންގުމަށް ގެންނެވި ބަދަލުތަކަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް، ރައްޔިތުންގެ އަޑުއައްސަވައިގެން ގެންނެވި ބަދަލުތަކެއްކަމަށް ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މި ފިޔަވަޅަކީ ނިމިދިޔަ އިންތިޚާބުގެ ނަތީޖާއިން ރައްޔިތުން ދިން މެސެޖު ރައީސް ގަބޫލުފުޅުކުރައްވައި، ސަރުކާރުގެ އޮނިގަނޑު އިތުރަށް ހަރުދަނާކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ތަރުޖަމާނު ފާހަގަކުރެއްވީ، ވަޒީރުން މަގާމުން އިސްތިއުފާދެއްވީ ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހުތަކަށް މަގުފަހިކޮށްދެއްވުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ.

މި ބަދަލުތަކާއެކު ސަރުކާރު ހިންގުން ހަރުދަނާވެ، ތަރައްގީގެ މަޝްރޫޢުތައް އިތުރަށް ހަލުވިވެގެންދާނެކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، ދައުރުގެ މެދުތެރެއިން މިފަދަ ބޮޑު، ކެރޭ ނިންމެވުމެއް ނިންމެވުމަކީ މަދު ވެރިޔަކަށް ނޫނީ ނުކުރެއްވޭނެ ކަމެއް ކަމަށެވެ. ރައީސް ޑރ. މުޢިއްޒަކީ ޤާނޫނުއަސާސީއަށް ފުރިހަމައަށް އިޙްތިރާމްކުރައްވާ ބޭފުޅެއްކަމަށާއި، ކޮންމެ ނިންމެވުމެއްވެސް ނިންމަވާނީ ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަށް، ދުސްތޫރީ ނިޒާމަށް ލޮޅުން ނާރާނެ ފަދަ ގޮތަކަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހަށް މިދިޔަ ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބޮޑެތި ބަދަލުތަކުގެ ދަށުން، ކެބިނެޓުގެ މެންބަރުންގެ އަދަދު ވަނީ 15 އަށް މަދުކުރައްވާފައެވެ. އަދި 10 ވަޒީރަކު އިސްތިއުފާދެއްވުމާ ގުޅިގެން، އެ މަގާމުތަކަށް އައު ބޭފުޅުން ވަނީ އައްޔަންކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް