- Advertisement -spot_img

ހިތަދޫ އުތުރު ބައި އިލެކްޝަންގައި ސިނާން ވާދަކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން އެ ގޮނޑި މީގެކުރިން ފުރުއްވަމުން ގެންދެވި މުހައްމަދު ސިނާން ނިންމަވައިފި އެވެ.

ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ކަނޑައެޅީ އޭނާގެ މައްޗަށް ސާބިތުވި ދަރަނި ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުންނެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފި އެވެ.

ސިނާން ވިދާޅުވީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް، ނިންމާފައިވާ ކަމަށާއި ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީއަށް ނިސްބަތްވާ ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުމަށް އެދޭ ކަމަށެވެ.

ޕީއެންސީން ބުނީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ޕާޓީގެ ޢާންމު މެންބަރުންނަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު މި މަހުގެ 19 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ހުޅުވާލާފައިވާ ކަަމަށެވެ.

ޕީއެންސީގެ ޓިކެޓުގައި މި ބައި އިލެކްޝަންގައި ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފޯމު ހުށައެޅުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ސުންގަޑި ހަމަވާއިރު، ޝަރުޠުތައް ފުރިހަމަވާ އަދި ޕާޓީގެ އިންތިޚާބުތަކާއިގުޅޭ ޓެކްނިކަލް ކޮމިޓީއިން ބަލާ މިންގަނޑުތަކަށް ފެތޭ އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ ޕާޓީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓެއް ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ބޭއްވޭ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުން ކަމަށް އެ ޕާޓީން ބުނެ އެވެ.

ޕްރައިމަރީ ބާއްވާނީ މި މަހުގެ 25 ގަ އެވެ.

މި ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަން ދެ ބޭފުޅަކު ވަނީ ޝައުގުވެރިކަން މިހާތަނަށް ފާޅުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް