- Advertisement -spot_img

ބަންގްލަދޭޝްގެ ރައީސް އިސްތިއުފާ ދެއްވަން ނިންމަވައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ އެނބުރި ގައުމަށް ވަޑައިގަންނަވާނެކަން އިއުލާނުކުރެއްވުމާ ގުޅިގެން ކުރިމަތިވި ފިއްތުންތަކާ ހުރެ، އެގައުމުގެ ރައީސް މުހައްމަދު ޝަހާބުއްދީން މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

ބަންގްލަދޭޝްގެ ރައީސްގެ ތަރުޖަމާނު ރޮއިޓާސްއަށް މައުލޫމާތު ދެއްވި ގޮތުގައި، ދައުރުގެ މެދުތެރެއިން ރައީސް ޝަހާބުއްދީން އިސްތިއުފާ ދެއްވާނީ ހުކުރު ދުވަހުއެވެ. މި ނިންމެވުން އައިސްފައިވަނީ، ކޯޓުން އިއްވާފައިވާ ހުކުމްތަކާ ގުޅިގެން އަމިއްލައަށް އަރުވާލެވިގެން ހުންނެވި ހަސީނާ، ގައުމަށް އެނބުރި ވަޑައިގެން ކޯޓަށް ހާޒިރުވާނެކަން ހާމަކުރެއްވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ.

ދައުލަތުގެ އެންމެ މަތީ ވެރިޔާ އަދި ސަލާމަތީ ބާރުތަކުގެ ކޮމާންޑަރ އިން ޗީފްގެ މަގާމުން ޝަހާބުއްދީން އިސްތިއުފާ ދެއްވުމަކީ، ހަސީނާ އެނބުރި ވަޑައިގަންނަވާއިރު ސަރުކާރުގެ މަތީ މަގާމެއްގައި އެކަމަނާގެ އެކުވެރިއަކު ނުހުންނާނެ ކަމުގެ ނިޝާނެކެވެ. 2024 ވަނަ އަހަރު ދަރިވަރުން އިސްވެ ތިބެ ކުރި މުޒާހަރާތަކާ ގުޅިގެން ހަސީނާގެ ސަރުކާރު ވެއްޓުނު ފަހުން، އެކަމަނާގެ އަވާމީ ލީގު ޕާޓީ ވަނީ މަނާކޮށްފަ އެވެ. އަދި އެ ޕާޓީގެ އިސް ގިނަ ބޭފުޅުން ވަނީ ހައްޔަރުކޮށް ނުވަތަ ފިލާފައެވެ.

ރައީސް އިސްތިއުފާ ދެއްވާ ސީދާ ސަބަބެއް ތަރުޖަމާނު ހާމަނުކުރެއްވި ނަމަވެސް، އެގައުމުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ސަރުކާރުން ވަނީ މަގާމުން ދުރުވުމަށް ރައީސަށް ފިއްތުންތައް ކުރިމަތިކޮށްފަ އެވެ. އެއީ ޝަހާބުއްދީނަކީ ހަސީނާއާ ގާތް ގުޅުމެއް އޮންނަ ބޭފުޅަކަށް ވާތީ އެވެ.

ހަސީނާ އެނބުރި ވަޑައިގަތުމަކީ 173 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ ހަމަޖެހުން ގާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.

މިދިޔަ ފެބުރުވަރީ މަހުގެ އިންތިހާބު ކާމިޔާބު ކުރެއްވި ބޮޑުވަޒީރު ތާރިގް ރަހުމާންގެ އޮފީހުން މިކަމާ ގޮތުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ. ރައީސްގެ ޕްރެސް ސެކްރެޓަރީ ސަރުވާރު އާލަމް ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގައިވާ ގޮތުން ރައީސް އިސްތިއުފާ ދެއްވާނީ މަޖިލީހުގެ ރައީސަށް ސިޓީ ހުށަހެޅުއްވުމުންނެވެ. މިގޮތުން، ތައިލެންޑަށް ކުރެއްވި ދަތުރުފުޅަށްފަހު މަޖިލީހުގެ ރައީސް މާދަމާ އެނބުރި ވަޑައިގަތުމުން ރައީސް އިސްތިއުފާ ހުށަހަޅުއްވާނެއެވެ. ރައީސް އިސްތިއުފާ ދެއްވުމުން، އާ ރައީސަކު އިންތިހާބު ކުރެވެންދެން ވަގުތީ ގޮތުން ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރައްވާނީ މަޖިލީހުގެ ރައީސެވެ.

ހަސީނާގެ މައްޗަށް ބަންގްލަދޭޝްގެ ކޯޓަކުން ވަނީ، 1,400 އެއްހާ މީހުން މަރުވި ހަމަނުޖެހުންތަކާ ގުޅިގެން މަރުގެ ހުކުމް އިއްވާފަ އެވެ. ނަމަވެސް، އިންޑިއާގައި ހުންނަވައިގެން ހަސީނާ ވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. ހަސީނާ އެނބުރި ވަޑައިގަންނަވާ ހަބަރާއެކު، ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބި އެކަމަނާގެ އެކުވެރިން މަގާމުން ވަކިކުރުމަށް އާންމުންގެ ފިއްތުންތައް ވަނީ އިތުރުވެފަ އެވެ.

ބަންގްލަދޭޝްގައި ރައީސަކީ މައިގަނޑު ގޮތެއްގައި ރަމްޒީ މަގާމެކެވެ. އިޖުރާއީ ބާރުތައް އޮންނަނީ ބޮޑުވަޒީރާއި ކެބިނެޓަށެވެ. އެހެންނަމަވެސް، 2024 ގައި ހަސީނާ ފިލައިގެން ދިއުމާ ގުޅިގެން އުފެދުނު ސިޔާސީ ހުސްކަމުގެ ތެރޭގައި ރައީސްގެ ދައުރު މުހިންމުވެގެން ދިޔަ އެވެ.

އުމުރުން 76 އަހަރުގެ ޝަހާބުއްދީން ރައީސްކަމަށް އިންތިހާބުވެވަޑައިގަތީ 2023 ވަނަ އަހަރު، އަވާމީ ލީގުގެ ތާއީދާއެކު އެއްވެސް ކުރިމަތިލުމަކާ ނުލަ އެވެ. މިހާރު އެ ޕާޓީ ވަނީ މަނާކޮށްފަ އެވެ.

ހަސީނާ ރޮއިޓާސްއަށް މައުލޫމާތު ދެއްވި ގޮތުގައި، އެކަމަނާ އާއި ޕާޓީގެ އިސް މެންބަރުން ގަސްތުކުރަނީ ޑިސެމްބަރު މަސް ތެރޭގައި އެނބުރި ގައުމަށް ވަޑައިގެން އަމާންދިނުމަށެވެ. އަވާމީ ލީގަކީ މަނާކުރުމުގެ ކުރިން ބަންގްލަދޭޝްގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ.

ގުޅުންހުރި ލިޔުންތައް