އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ސީދާ އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެ، އެކަކު ގެއްލިފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު އިއުލާންކޮށްފިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނިގޮތުގައި ހުކުރު ދުވަހު ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން އީރާނުން ދިން މި ހަމަލާގައި އިތުރު ހަތަރު ސިފައިން ޒަޚަމްވެގެން ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މި ހަމަލާގައި މަރުވި މީހުންގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ. ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އެމެރިކާގެ 16 ސިފައިން މަރުވެ، 430 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
މި ހަމަލާގެ މައުލޫމާތު އާންމުކުރުމުގެ ކުޑަވަގުތުކޮޅެއް ކުރިން، އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީ ވަނީ އެމެރިކާއިން އީރާނަށް ހަމަލާދޭނަމަ ”ހަނދާނުން ނުފޮހެވޭނެ ފަދަ ފިލާވަޅުތަކެއް“ ދަސްކޮށްދޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރައްވާފައިވާ އެއްބަސްވުންތަކަކީ އެއްވެސް އަގެއް ނެތް އެއްޗެއް ކަމަށް ޚާމަނާއީ ވަނީ ސިފަކުރައްވާފައެވެ. މީގެ އިތުރުން، މީގެ މަހެއްހާ ދުވަސް ކުރިން ސޮއިކުރި ވަގުތީ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލާފައިވާ ކަމަށް އީރާނުން ވަނީ ބުނެފައެވެ.
މި ހަނގުރާމައާއި ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޚާއްޞަކޮށް ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް ދެ ފަރާތުގެ މެދުގައި ދަނީ ބޮޑު ކުރިމަތިލުމެއް ހިނގަމުންނެވެ. މި ކުރިމަތިލުންތަކުގެ ސަބަބުން ކުވައިތުގެ ފެން އުފައްދާ ކާރުޚާނާތަކަށާއި ތެޔޮ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ގައުމުގެ ވައިގެ ސަރަހައްދު ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.
އަނެއްކޮޅުން އެމެރިކާގެ އަސްކަރިއްޔާއިން ވެސް ދަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި އިންފްރާސްޓްރަކްޗަރަށް ހަމަލާދެމުންނެވެ. އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ ދެކުނުގެ ޕްރޮވިންސްތަކުގެ ކަރަންޓާއި ފެން އުފައްދާ ކާރުޚާނާތަކަށް ގެއްލުންވެ، ގާތްގަނޑަކަށް 10,000 މީހުންނަށް ފެނުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނުން ބުނާ ގޮތުގައި ފާއިތުވި ތިން ހަފުތާ ތެރޭގައި އެމެރިކާގެ ހަމަލާތަކުގައި 50 އަށްވުރެ ގިނަ މީހުން މަރުވެ، 500 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް އަދި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެސް ދަނީ އިންތިހާއަށް އުފުލެމުންނެވެ.



