- Advertisement -spot_img

ޓްރަމްޕްގެ އިންޒާރާއިއެކު އީރާންގެ ރައީސް ވިދާޅުވީ ކޮންމެ ނުރައްކަލަކާ ދެކޮޅަށް ސާބިތުވެ ހުންނާނެކަމަށް

އީރާން އަބަދުވެސް އޮންނާނީ ކޮންމެ ޕްރެޝަރަކާއި ނުރައްކަލަކާ ދެކޮޅަށް ސާބިތުވެ ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.

އީރާންގެ ރައީސް އެގޮތަށް ވިދާޅުވީ އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިންތާ ކުޑައިރުކޮޅެއް ފަހުންނެވެ. ޓްރަމްޕް ހިތްހަމަޖެހިގެން އުޅެނީ އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއް، ހޮރްމޫޒް ކަނޑުއޮޅީގައި ހަރަކާތްތެރިވަނިކޮށް ވައްޓާލި ކަމަށް ބުނެއެވެ.

އީރާނުގެ ރައީސް ވިދާޅުވީ، އީރާނާ ދެކޮޅަށް އިތުރު ހަމަލާތައް ދޭނެ ކަމަށް ޓްރަމްޕް ދިން އިންޒާރުތަކާ ދެކޮޅަށް އެ ގައުމު ސާބިތުވެ ތިބޭނެ ކަމަށެވެ. ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ޕެޒެޝްކިއަން ވަނީ އީރާނުގެ އިންފްރާސްޓްރަކްޗަރަށް ހަމަލާ ދޭނެ ކަމަށް ދިން އިންޒާރުތައް ކުށްވެރި ކުރައްވައިފައެވެ.

”އެ ތަންތަނަށް، ދަތުރުފަތރުގެ ނެޓްވޯކްތަކުން ފެށިގެން ކަރަންޓާއި ފެނާ ހަމައަށް ހަމަލާދޭނެ ކަމުގެ އިންޒާރުތަކަކީ ދައްކާ ބާރެއް ނޫން. އެއީ މާޔޫސްވެގެން ކުރާ ކަމެއް،“ އީރާންގެ ރައީސް ވިދާޅުވިއެވެ.

ޓްރަމްޕް ބުނީ އެއްބަސްވުމަކަށް އައުމަށް މާ ގިނަ ދުވަސް ނެގުމުން އީރާނުން ”އެކަމުގެ އަގު ދައްކަން ޖެހޭނެ“ ކަމަށެވެ. ”އަހަރުމެން އެ މީހުންނަށް ހަމަލާ ދޭނަން، ވަރަށް ވަރުގަދައަށް ހަމަލާ ދޭނަން،“ ޓްރަމްޕް ބުންޏެވެ.

ޓްރަމްޕްގެ ޖަވާބާ ގުޅިގެން ނޫސްވެރިއަކު އެހެން އެހެން ސުވާލަކީ އެމެރިކާއިން ބޮމުގެ ހަމަލާތައް އަލުން ފަށަނީތޯއެވެ. ”އާން، ހެލިކޮޕްޓަރުގެ ކަންތަކަށް ބަލާއިރު، އެކަން ކުރުމުގެ ހައްގު އަހަރުމެންނަށް ލިބިފައިވާ ކަމަށް ދެކެން،“ ހޮރްމޫޒް ކަނޑުއޮޅި ކައިރިން އެމެރިކާގެ އަޕާޗީ ހެލިކޮޕްޓަރު ވައްޓާލީ އީރާނުން ކަމަށް ތުހުމަތުކޮށް ޓްރަމްޕް ބުންޏެވެ.

އީރާނުން އެމެރިކާގެ ހެލިކަޕްޓަރެއް، ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދަށް ވައްޓާލި މައްސަލައިގައި އެމެރިކާއިން ވަނީ އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. އެމެރިކާގެ މި ހަމަލާއާއި ގުޅިގެން އީރާނުން ވަނީ އުރުދުން، ކުވެއިތު އަދި ބަހްރޭންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. ނަމަވެސް މި ތިން ގައުމުން ވެސް ވަނީ ހަމަލާތައް ހުއްޓުވާފައިވާކަމަށް ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް