އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންނަ އަންގާރަ ދުވަހު ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރާނެ ކަމަށް އިސްރާއީލުގެ ލީޑަރުގެ އޮފީހުން ބުނެފިއެވެ.
ނަތަންޔާހޫގެ މި ދަތުރަކީ އީރާނާއެކު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދެ ލީޑަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ”މި ދަތުރުގެ ތެރެއިން ބޮޑުވަޒީރު އަންގާރަ ދުވަހު ވައިޓް ހައުސްގައި ރައީސް ޓްރަމްޕާ ބައްދަލުކޮށް، އިސްރާއީލުގެ ރަހުމަތްތެރިއެއް ކަމަށްވާ ސެނެޓަރު ލިންޑްސީ ގްރެހަމްގެ ޖަނާޒާގައި ބައިވެރިވާނެ،“ ނަތަންޔާހޫގެ އޮފީހުން ބުނީ، އޭނާ ހޯމަ ދުވަހު ވޮޝިންޓަނަށް ފުރާނެ ކަމަށެވެ.
ނަތަންޔަހޫ ޓްރަމްޕާއި އަންގާރަ ދުވަހު ބައްދަލުކުރާއިރު، މިދިޔަ މަސް ތެރޭގައިވެސް މިފަދަ ބައްދަލުވުން ބާއްވާނެ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ. އެކަމަކު އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެ ދުވަސްވަރަކީ ނަތަންޔަހޫ އާއި ޓްރަމްޕާއި ދެމެދު ހިޔާލު ތަފާތުވުންތަކެއްވެސް އުފެދުނު ދުވަސްވަރެކެވެ.
މިގޮތުން އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލަތަކާއި ގުޅިގެން މިދިޔަ މަހު ޓްރަމްޕް ވަނީ ”ކަލޭ ދެކެ ދުނިޔޭގެ އެންމެން ރުޅި އަންނަ“ ކަމަށް ބުނެ، ނަތަންޔަހޫއާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ. އެގޮތުން އެ ދުވަސްވަރު ޓްރަމްޕް ނަތަންޔަހޫއަށް ގުޅައި ހުތުރު ބަހުން ވާހަކަދައްކާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފައި ވެއެވެ.
އެމެރިކާގެ އޮފިޝަލަކާއި ހަވާލާދީ އެމެރިކާގެ ނޫސްތަކުން ރިޕޯޓްކޮށްަފއިވާ ގޮތުގައި، ޓްރަމްޕް ވަނީ ”ކަލޭ މޮޔަވެއްޖެ. އަހަރެން ނެތްނަމަ ކަލޭ ޖަލުގައި ހުންނަން ޖެހުނީސް.“. ކަމަށް ބުނެ، ނުހުރުންވެ ނަތަންޔަހޫއާ ވާހަކަދައްކައިފައެވެ. ”އަހަރެން ކަލޭ ސަލާމަތް ކުރުމުގައި މި އުޅެނީ،“ ”ކަލޭގެ ހުންނަ މިފަދަ އަމަލުތައް ހުންނަ ގޮތުން ދުނިޔޭގެ އެންމެންވެސް ކޭލެ ދެކެ ރުޅި އަންނަ“ ކަމަށްވެސް ޓްރަމްޕް ބުނެފައިވާ ކަމަށް އޮފިޝަލް ބުނެފައި ވެއެވެ.
މި ބައްދަލުވުމަކީ އީރާނަށް ހަމަލައާ ދިނުމާއި ގުޅޭގޮތުން ޓްރަމްޕާއި ނަތަންޔާހޫ ފެބްރުއަރީ މަހު ވައިޓް ހައުސް ސިޗުއޭޝަން ރޫމްގައި ބޭއްވި ބައްދަލުވުމަށް ފަހު، ކައިރިން ބައްދަލު ކުރާނެ ފުރަތަމަ ފަހަރަށް ވެގެން ދާނެއެވެ.
އެމެރިކާއާއި އިސްރާއީލަކީ މެދުއިރުމަތީގެ ޖިއޯޕޮލިޓިކަލް މަސްލަހަތުތަކުގެ މައްޗަށް ބިނާވެފައިވާ ވަރަށް ގާތްދެ ގައުމެވެ. މި ގުޅުމުގެ ތެރޭގައި އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީ އާއި އަހަރަކު އެތައް ބިލިއަން ޑޮލަރެއްގެ ދިފާއީ އެހީ ހިމެނެއެވެ.



