އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބަޖެޓަކީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓެކެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބަޖެޓް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 79 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 13 މެންބަރުންނެވެ. މިއަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅައިބަލާއިރު އަންނަ އަހަރުގެ ބަޖެޓަކީ 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ކުރިން ވިދާޅުވެފައިވަނީ، އަންނަ އަހަރުގެ ބަޖެޓްގެ އެންމެހާ އަސާސްތައް ބައްޓަންކޮށްފައި ވަނީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަށައަޅުއްވާފައިވާ ތަސައްވުރު ހާސިލުކުރެވޭނެ ފަދަ ގޮތަކަށް ކަމަށެވެ.
ބަޖެޓް ދިރާސާކުރި މަރުހަލާގައި މިނިވަން މުއައްސަސާތަކުން ގާނޫނީ ޒިންމާ އަދާކުރެވޭ ވަރަށް ވުރެ ބަޖެޓް ކުޑަކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވީނަމަވެސް، މިމަހުގެ 19 ވަނަ ދުވަހު ބަޖެޓް ކޮމިޓީން ނިންމީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ތަޅުމަށް ފޮނުވުމަށެވެ. މެންބަރުން ހުށަހެޅުއްވި 23 އިސްލާހުގެ ތެރެއިން މަޖިލީހުގެ ގަވާއިދަށް ފެތޭ ހަތް އިސްލާހަކަށް މިއަދު ވޯޓަށް އެހި ނަމަވެސް، އިދިކޮޅު މެންބަރުން ހުށަހެޅުއްވި އެއްވެސް އިސްލާހެއް ފާސްވެފައެއް ނުވެއެވެ.
މިއަދު ފާސްކުރި ބަޖެޓުގައި ޖުމްލަ ހަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. އަދި ކެޕިޓަލް ހަރަދަށް 9.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.2 ބިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ބަޖެޓުގެ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ.



