ދަރިވަރުންނަށް އުނގެނުމަށް ފަހި އަދި އަރާމު މާހައުލެއް ޤާއިމުކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ ”ކޫލް ސްކޫލް“ މަޝްރޫޢުގެ ދަށުން، މިހާތަނަށް 113 އަށްވުރެ ގިނަ ސްކޫލެއް އޭސީކޮށް ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކޮށްފިއެވެ.
ރާއްޖޭގައި ސަރުކާރުގެ ޖުމްލަ 217 ސްކޫލް ހިންގަމުން އަންނައިރު، މި މަޝްރޫޢަކީ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކާއި ހޯލްތައް އެއްކޮށް އޭސީ ކުރުމަށް އަމާޒު ހިފައިގެން 2024 ވަނަ އަހަރުގެ ޖޫން މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެށި މުހިންމު މަޝްރޫޢެކެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިހާތަނަށް 113 އަށްވުރެ ގިނަ ސްކޫލެއްގެ 192 ކްލާސްރޫމާއި 80 ހޯލެއްގައި ވަނީ އޭސީ ހަރުކޮށް މަސައްކަތް އެއްކޮށް ނިންމާލާފައެވެ.
މި މަޝްރޫޢުގެ ދަށުން އޭސީތައް ހޯދުމާއި ހަރުކުރުމުގެ އެންމެހައި މަސައްކަތްތައް 54 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. ފެނަކައިން މަޢުލޫމާތު ދޭގޮތުގައި، ބައެއް ރަށްރަށުގެ ކަރަންޓު ނެޓްވޯކްގެ ފެންވަރު ދަށްވުމުގެ ސަބަބުން މަސައްކަތް ކުރިއަށް ގެންދިއުމުގައި ދަތިތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، މަޝްރޫޢުގެ މަސައްކަތްތައް މިހާރުވެސް ބާރު ސްޕީޑެއްގައި ކުރިއަށްދެއެވެ.
ތަޢުލީމީ ވުޒާރާއިން ފާހަގަ ކޮށްފައިވަނީ، މި މަޝްރޫޢުގެ ސަބަބުން ސްކޫލްތައް އޭސީ ކުރުމުން ކަރަންޓު ޚަރަދު ގާތްގަނޑަކަށް 30 އިންސައްތަ އިތުރުވެގެންދާނެ ކަމަށެވެ. އެހެންކަމުން، މި ޚަރަދު ކުޑަކުރުމަށާއި ތިމާވެއްޓާ ރައްޓެހި ގޮތަކަށް މަޝްރޫޢު ދެމެހެއްޓުމަށްޓަކައި، ކަރަންޓު އުފެއްދުމުގައި އިއާދަކުރަނިވި ހަކަތަ (ސޯލާ އެނާޖީ) ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ މުހިންމުކަމާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، ”ކޫލް ސްކޫލެއްގައި“ ދަރިވަރުންގެ ހިތްތަކަށް ފިނިކަމާއި އުފާވެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި އެ ފިނިކަމާއެކު ދަރިވަރުންގެ އުޅުމަށާއި ކިޔެވުމަށް ހެޔޮ ބަދަލުތަކެއް އައިސް، ދިރިއުޅުމުގައި ކާމިޔާބު އިންސާނަކަށް ވުމަށް ބޭނުންވާ ހުރިހާ ތަޢުލީމަކާއި ތަރުބިއްޔަތެއް ފުރިހަމައަށް ލިބިދޭނެ އެކަށީގެންވާ ވެއްޓަކަށް ސްކޫލުތައް ވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.



