ދެކުނު އޭޝިއާ ސަރަޙައްދަށް އަމާޒުކޮށްގެން އަންނަ އަހަރުގެ އޭޕްރީލް މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ޤުރުއާން ހިފްޒު މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ.ޝަޙީމް ވިދާޅުވީ، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މިމުބާރާތުގެ އެންމެ ފަހުގެ ނިންމުންތައް ނިންމުމަށް ސަޢޫދީ ސަރުކާރުގެ ޚާއްޞަ މަންދޫބަކު ރާއްޖެ ވަޑައިގެން މަޝްވަރާތައް ބާއްވަވާފައިވާ ކަމަށެވެ.
ރާއްޖޭގައި ބާއްވާ މި މުބާރާތުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ސަޢުދީ ސަރުކާރުންނެވެ. މިކަން ފާހަގަކުރައްވާ ވަޒީރު ވަނީ މުބާރާތް އިންތިޒާމުކުރުމުގައި އެ ޤައުމުގެ ސަރުކާރުންދޭ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މި މުބާރާތުގައި ދެކުނު އޭޝިއާގެ ޤައުމުތަކުން ބައިވެރިން ވާދަކުރާނެ ކަމަށާއި، މިއީ ޤުރުއާން ހިފްޒުކުރާ ބައިވެރިން އެއް ތަނަކަށް ޖަމާވެ، ދާއިރާ ކުރިއެރުވުމަށް ލިބޭ ފުރުބަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން އިސްލާމީ ތައުލީމުގެ ދާއިރާ ވަރުގަދަވެ ސަރަޙައްދީ ގުޅުންވެސް ވަރުގަދަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ އޯގަސްޓް މަހު ޑރ.ޝަހީމް ސަޢުދީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ޤައުމުގެ އިސްލާމިކް މިނިސްޓަރ ޝައިޚް ޑރ. ޢަބްދުލްލަޠީފް ބިން އަބްދުލްޢަޒީޒް އާލްޝައިޚްއާ ބައްދަލުކުރައްވާ ރާއްޖޭގައި ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެއް ބޭއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.



