ދަތުރުފަތުރާއި، ތަޢުލީމާއި، ޞިއްޙަތު އަދި ދިފާޢީ ދާއިރާ ހިމެނޭހެން ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު މުހިންމު 20 އެއްބަސްވުމެއް ބަދަލުކޮށްފިއެވެ.
މި އެއްބަސްވުންތައް ބަދަލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުންތަކުގެ މައިގަނޑު އަމާޒަކީ ދެ ޤައުމުގެ ދެމެދުގައި މިހާރުވެސް އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމާއި، އަލަށް ގުޅުން ޤާއިމުކުރެވުނު ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމެވެ.
މިގޮތުން ސޮއިކުރެވުނު މުހިންމު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
ސަގާފަތާއި ތަރިކައާއި ފަންނާބެހޭ ދާއިރާއިން ގުޅުން ބަދަހިކުރުން
ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުން
ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުން
މެރިޓައިމް ސެކިޔުރިޓީ ދާއިރާއިން ގުޅުން ބަދަހިކުރުން
އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިބަސެކިޔުރިޓީ އާއި އަރޓިފިޝަލް އިންޓެލިޖެންސް އާއި ޑިޖިޓަލް ސްކިލްސް އާއި އީޖާދާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
ޓްރެފިކިން އާއި މަސްތުވާތަކެތި ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރުން
އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރުން
ސިއްޙީ ޚިދުމަތްތެރިން ގެނައުމާ ގުޅުންހުރި އެއްބަސްވުން
މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވައިގެ ދަތުރުތައް ފުޅާ ކުރުން
ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން، ދެ ޤައުމުގެ މުއައްސަސާތަކުގެ މެދުގައި ވެސް މުހިންމު ފަހުމުނާމާތަކެއްގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން ބޭސް ސާމާނުގެ ފެންވަރު ކަށަވަރުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއާ ދެމެދު އެއްބަސްވުމެއް ޤާއިމުކުރެވުނެވެ. އަދި ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި ޕާކިސްތާނުގެ ފެޑަރަލް ޕަބްލިކް ސަރވިސް ކޮމިޝަނާ ދެމެދު ދެ އެއްބަސްވުމެއް ވަނީ ބަދަލުކޮށްފައެވެ.
މީގެއިތުރުން، ފުލުހުން ތަމްރީނުކުރުމަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ޕާކިސްތާނުގެ ޕޮލިސް އެކެޑަމީއާ ދެމެދު އެއްބަސްވުމެއް ހެދިއިރު، ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ ފޯރުކޮށްދިނުމާ ގުޅޭގޮތުން އެސްޓީއޯ އަދި ޓްރޭޑިންގ ކޯޕަރޭޝަން އޮފް ޕާކިސްތާން (ޓީސީޕީ) އާ ދެމެދު ވެސް ވަނީ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ދަޢުލަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ކަމަށްވާ ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލް، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން، ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން، އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އަދި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމްގެ އިތުރުން ސަރުކާރުގެ އިސްވެރިންނެވެ.



