ދިވެހިރާއްޖޭގައި ހުއްދަނެތި އަދި ބޮޑުއަގުގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހާއްސަ ހޮޓްލައިނަށް އާންމުންގެ ފަރާތުން ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލައާ ގުޅިގެން 2026 އޮކްޓޫބަރު 20 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އަދި ބަންގްލަދޭޝައަށް ނިސްބަތްވާ މުޙައްމަދު ރަސެލް މިއާ އެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި މި މައްސަލައިގެ ތަހުގީގު މިހާރުވެސް ދަނީ ކުރިއަށެވެ. އަދި މި ދެ މީހުންނާ މެދު ގާނޫނީ ގޮތުން އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތުތަކާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ސައްހަ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް އެސްއެމްއެސް، ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް މައުލޫމާތު ފޮނުއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެއިތުރުން، އާންމު މަސްލަހަތާ ގުޅުންހުރި މިފަދަ ކަންކަމުގައި ދިވެހި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުންގެ ޚިދުމަތުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.



