މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓަކަށް ހުއްދަނޫން ގޮތުގައި ވަދެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި ތޫނު ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައިގައި ޢަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 2026 އޮކްޓޫބަރު 12 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ގ. ޤަޞްރު، ޠަލާލް މުޙައްމަދު (41އ) އަދި މ. މުލި، ނައިޓްރޯސް، އަޙްމަދު ޢުބައިދު (46އ) އެވެ.
މި ދެ މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ 2026 އޮކްޓޫބަރު 8 ވަނަ ދުވަހުގެ ވަގުތެއްގައި ގަލޮޅުގައި ހުންނަ ގެއެއްގެ 4 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކަށް ގަދަކަމުން ވަދެގަނެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް ކަމަށެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީޢަތް ނިމެންދެން އެމީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



