- Advertisement -spot_img

ހުޅުމާލޭގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 5 މީހަކަށް އަނިޔާ ވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާތައް ވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު 2:55 ހާއިރު ހުޅުމާލެ 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހިގެންނެވެ. މުއާމަލާތްވި ދެ ސައިކަލުގައި ދަތުރުކުރި ފަސް މީހުންނަށްވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ތިން މީހަކަށް ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. ނަމަވެސް، އެ މީހުންގެ އަނިޔާތަކުގެ ތަބީއަތަށް ބަލައި، އިތުރު ފަރުވާއަށް މިހާރު ވަނީ މާލޭގެ އައިޖީއެމްއެޗް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. މީގެއިތުރުން، އެކްސިޑެންޓުގައި އަނިޔާވި އަނެއް ދެ މީހުންވެސް އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ހުޅުމާލެ ހޮސްޕިޓަލުން ކުރަމުންދާ ކަމަށް ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖުގައި ބުނެފައިވެއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ހާދިސާގެ އިތުރު ތަފްސީލު ހޯދުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް