- Advertisement -spot_img

ޕީއެންސީއަށް 6 ނައިބު ރައީސުން އިންތިޚާބުކޮށްފި

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް 6 ނައިބު ރައީސުން އިންތިޚާބުކޮށްފިއެވެ.

މިހާރު ކުރިއަށްދާ އެޕާޓިގެ ކޮންގްރެސްކަމަށްވާ މަތީ މަޖިލީހުގައި ވަނީ ވޯޓަށް އަހައި 6 ނައިބު ރައީސުން އިންތިޚާބުކޮށްފައެވެ. ނައިބު ރައީސްގެ މަޤާމަށް 8 ބޭފުޅަކު ވާދަކުރިއެވެ. އެ މަޤާމަށް ވާދަކުރެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއާއި، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް އާއި، އިޤްތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި، މަސްވެރިކަމާއި ދަނޑުވެރިކަމއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމާއި، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާއި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލެވެ.

ވޯޓުގެ ނަތީޖާ:

އަބްދުﷲ ރާފިއު: 968 ވޯޓު

ފާތިމަތު ސައުދާ: 923 ވޯޓު

އަހުމަދު ޝިޔާމް: 964 ވޯޓު

އިބްރާހިމް ޝުޖާއު: 862 ވޯޓު

މުހައްމަދު ސައީދު: 833 ވޯޓު

މުހައްމަދު ހުސައިން ޝަރީފް (މުންދު): 780 ވޯޓު

މުހައްމަދު ނިމާލް: 301 ވޯޓު

އަސްމާ ރަޝީދު: 288 ވޯޓު

ވޯޓު ލާފައި ވަނީ އެކަމަށް ހާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން އެ މީހެއްގެ މޮބައިލް ފޯނު މެދުވެރިކޮށެވެ. ވޯޓުލުމަށް 7 މިނެޓުގެ ވަގުތެއް ދިނެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި ހަ ބޭފުޅުން އިޤްރާރުވުން އޮންނާނީ މިރޭ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތުގައެވެ.

އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން އެއްވެސް ޝަކުވާއެއް ވާނަމަ، މިއަދުގެ މެންދުރުފަހު 14:00 ގެ ކުރިން އިންތިޚާބީ ކޮމިޓީއަށް އެ ޝަކުވާ އެއް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު ޕީއެންސީން ވަނީ ހުޅުވާލާފައެވެ. އެ ޝަކުވާތައް ޙިއްސާކުރަން ވާނީ އިންތިޚާބީ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީއާ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި މިއަދު ހަވީރު 16:00ގެ ފަހުން ޝަކުވާތަކަށް ޖަވާބުދޭނެކަންވެސްވަނީ ހާމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް