ޤާނޫނީގޮތުން އެޅި ފިޔަވަޅުތަކާއެކު ޑޮލަރުގެ މައްސަލައަށް ހެޔޮ ބަދަލެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އަންނާނެކަމަށް ޤަބޫލުކުރައްވާކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ޤާނޫނާ ޚިލާފު ޑޮލަރުގެ މައްސަލަތައް ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، ބޭރު ފައިސާގެ ޤާނޫނަށް ގެނެވުނު އިސްލާޙާއެކު ހެޔޮ ބަދަލެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެނިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
ބޭރުފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ބޭރުފައިސާއާ ބެހޭ އާންމު ޤާވާއިދަށް އެންމެ ފަހުން ގެނައި އިސްލާހުގައި، ބޭރުފައިސާގެ ޤާނޫނުގެ ދަށުން މިހާރު ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭންކަކަށް މާރުކުރަން ޖެހޭގޮތަށްވަނީ ބަދަލުކޮށްފައެވެ.
އުޝާމް ވިދާޅުވީ ޤާނޫނަށް ގެނެވުނު އަނެއް އިސްލާޙަކީ އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާއި ޚިލާފަށް ޑޮލަރު ވިއްކުމާއި، ހުއްދަ ނެތި ނުވަތަ އެމްއެމްއޭގައި ރަޖިސްޓްރީ ނުކޮށް ޑޮލަރު މާރުކުރުމުގެ ވިޔަފާރިކުރަމުންދާ ފަރާތްތަކުން ކުރަމުންދަނީ ޤާނޫނާ ޚިލާފު ވިޔަފާރިއެއްކަމުން، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމަށެވެ.
ބަންޑާރަ ބައިބުވަނީ ރާއްޖޭގައި ބޭރު ފައިސާގެ މުޢާމަލާތުކުރުމުގައި ބޭރު ފައިސާއާއި ބެހޭ ޤާނޫނާއި، އެމްއެމްއޭގެ ޤާނޫނާއި، ބޭންކިންގެ ޤާނޫނުތަކާ އެއްގޮތަށް ހުރިހާ ފަރާތަކުންވެސް ޢަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.



