- Advertisement -spot_img

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވަނީ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މި މަހުގެ 14 އިން 15 އަށް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ދަތުރުފުޅުގައި މެލޭޝިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ އެވެ. އަދި މި މަޝްވަރާތަކުގައި ދެޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން ވާހަކަދެކެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެއިތުރުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރާނެކަން ފާހގަކޮށް ރައީސް އޮފީހުން ބުނީ މި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުންތަކުގެ ތަފްސީލެއް ނުދެއްވައެވެ.

މީގެއިތުރުން، މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަކިވަކިން އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރައްވާނެ އެވެ.

ރައީސް ޑރ. މުޢިއްޒު މެލޭޝިއާއަށް ކުރެއްވި އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަށާއި އެއްބާރުލުން އިތުރުކުރުމަށް މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވުނެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައިއައިޔޫއެމް) އިން ރައީސް މުޢިއްޒަށް އިސްލާމިކް ލީޑަޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓްގެ ދާއިރާއިން އޮނަރަރީ ޑޮކްޓަރޭޓް އެރުވިއެވެ.

މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ، ޗުއްޓީ ހޭދަކުރުމަށާއި މަތީ ތައުލީމު ހާސިލުކުރުމަށް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ދަތުރުކުރާ، ދިވެހިންނާ ވަރަށް ހާއްސަ ގުޅުމެއް އޮންނަ ގައުމެކެވެ.

ގުޅުންހުރި ލިޔުންތައް