ޤައުމީ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ޙަފުލާގައި، މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) ގެ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ ޑރ. ފުރުޤާން އިބްރާހީމަށް ޝަރަފުވެރި ”އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑު“ ލިބިވަޑައިގެންފިއެވެ
މި ޙަފުލާގައި އެމް.ޑަބްލިޔު.އެސް.ސީން ވަނީ ޖުމްލަ 4 އެވޯޑެއް ޙާޞިލުކޮށް، މިއަހަރުގެ އެންމެ ގިނަ އެވޯޑު ހޯދި ކުންފުނީގެ ޝަރަފު ހޯދާފައެވެ. އޭގެ ތެރޭގައި ކުންފުންޏަށް ލިބުނު ދެ އެވޯޑާއި، އިންޑިވިޖުއަލް ކެޓަގަރީން ލިބުނު ދެ އެވޯޑު ހިމެނެއެވެ.
އިންޑިވިޖުއަލް ކެޓަގަރީން ޑރ. ފުރުޤާން އިބްރާހީމް ވަނީ ”އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑު“ ގެ އިތުރުން ”އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާރޗް އެވޯޑު“ ވެސް ޙާޞިލުކުރައްވާފައެވެ.
މި ޙަފުލާގައި އެމް.ޑަބްލިޔު.އެސް.ސީއަށް ލިބުނު ކުންފުނީގެ އެވޯޑުތަކުގެ ތެރޭގައި ’ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް‘ އަދި ’ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް‘ ހިމެނެއެވެ. ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް އެ ކުންފުންޏަށް ލިބުނީ ހދ. ކުޅުދުއްފުށީގައި ޤާއިމުކޮށްފައިވާ، ސައްތައިން ސައްތަ އަވިން ހަކަތަ އުފައްދައިގެން ހިންގާ، ތިމާވެއްޓަށް ގެއްލުންދޭ ވިހަ ގޭސްތައް ބޭރުނުކުރާ (ޒީރޯ އެމިޝަން) ފެން އުފައްދާ ނިޒާމަށެވެ. އަދި ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް ލިބިފައިވަނީ ރ. ދުވާފަރުގައި ޤާއިމްކޮށްފައިވާ އިންޓެގްރޭޓަޑް ޔުޓިލިޓީ ސަރވިސް މޮޑެލްއަށެވެ. މިއީ ބޯފެން އުފައްދައި ފޯރުކޮށްދިނުމާއި، ނަރުދަމާގެ ނިޒާމާއި، ކުނި މެނޭޖުކުރުމާއި، ކަރަންޓުގެ ޚިދުމަތާއި، ވާރޭފެން ރައްކާކުރުން އަދި އިއާދަކުރަނިވި ހަކަތައިގެ ޙައްލުތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭ ނަމޫނާ މޮޑެލެކެވެ.



