- Advertisement -spot_img

އިންޖިނިއަރސް އެވޯޑް ޙަފުލާގައި އެންމެ ގިނަ އެވޯޑު އެމް.ޑަބްލިޔު.އެސް.ސީއަށް

ޤައުމީ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ޙަފުލާގައި، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ޖުމްލަ 4 އެވޯޑެއް ހާސިލްކޮށް، މިއަހަރު އެންމެ ގިނަ އެވޯޑު ހޯދި ކުންފުނީގެ ޝަރަފު ހޯދައިފިއެވެ. މި ޙަފުލާގައި އެމް.ޑަބްލިޔު.އެސް.ސީއަށް ކުންފުނީގެ ގޮތުގައި ޝަރަފުވެރި ދެ އެވޯޑެއް ލިބިފައިވާއިރު، އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ހާސިލްކޮށްފައެވެ.

މި ޙަފުލާގައި އެމް.ޑަބްލިޔު.އެސް.ސީ އަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި ’ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް‘ އާއި ’ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް‘ ހިމެނެއެވެ. ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް އެ ކުންފުންޏަށް ލިބިފައިވަނީ ހދ. ކުޅުދުއްފުށީގައި ޤާއިމުކޮށްފައިވާ، 100 އިންސައްތަ އަވިން ހަކަތަ އުފައްދައިގެން ހިންގާ، ތިމާވެއްޓަށް ގެއްލުންދޭ ވިހަ ގޭސްތައް ބޭރުނުކުރާ (ޒީރޯ އެމިޝަން) ފެން އުފައްދާ ނިޒާމަށެވެ. އަދި ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް ލިބުނީ ރ. ދުވާފަރުގައި ޤާއިމްކޮށްފައިވާ އިންޓެގްރޭޓަޑް ޔުޓިލިޓީ ސަރވިސް މޮޑެލްއަށެވެ. ދުވާފަރުގެ މި މޮޑެލްއަކީ ބޯފެން އުފައްދައި ފޯރުކޮށްދިނުމާއި، ނަރުދަމާގެ ނިޒާމާއި، ކުނި މެނޭޖުކުރުމާއި، ކަރަންޓުގެ ޚިދުމަތާއި، ވާރޭފެން ރައްކާކުރުން އަދި އިއާދަކުރަނިވި ހަކަތައިގެ ޙައްލުތައް އެއް ފުރާޅެއްގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދޭ ފުރިހަމަ ނިޒާމެކެވެ.

މީގެ އިތުރުން، އިންޑިވިޖުއަލް ކެޓަގަރީން، އެމް.ޑަބްލިޔު.އެސް.ސީގެ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ، ޑރ. ފުރުޤާން އިބްރާހީމަށް ވަނީ ދެ އެވޯޑެއް ލިބިވަޑައިގެންފައެވެ. އެއީ “އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑު” އަދި “އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާރޗް އެވޯޑު” އެވެ.

މި ކާމިޔާބީތަކަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އިންޖިނިއަރިންގ ޙައްލުތައް ހޯދުމަށާއި، އައު އީޖާދުތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން މުޖުތަމަޢުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އެހީތެރިވުމަށް އެމް.ޑަބްލިޔު.އެސް.ސީއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ، އަދި ފެނާއި ނަރުދަމާގެ ދާއިރާ ހަރުދަނާކުރުމަށް އެ ކުންފުނީގެ އިންޖިނިއަރުންނާއި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތާއި ފަންނީ ޤާބިލުކަން ހާމަވެގެންދިޔަ ކަމެއްކަމުގައި އެކުންފުނިން ހާމަކުރެއެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން ހާމަކުރާގޮތުގައި އެކުންފުނީގެ މައިގަނޑު އަމާޒަކީ އިންޖިނިއަރިންގގެ ދާއިރާއިން މަތީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއެކު، ދިރާސާތަކާއި އީޖާދީ މަސައްކަތްތަކަށް އިންވެސްޓްކޮށް، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމުކޮށްދިނުމުގައި ދެމިތިބުމައް މިކުންފުނިން ކުރަމުންއަންނަ މަސައްކަތްތަކުގެ މުހިންމު ބައެއްކަމަށެވެ.

ޑރ. ފުރުޤާން އިބްރާހީމް ހޯއްދެވި ފަޚުރުވެރި ކާމިޔާބީއަށްޓަކައި، އެކުންފުނީގެ މެނޭޖްމަންޓާއި އެންމެހައި މުވައްޒަފުންގެ ނަމުގައި ވަނީ މަރުޙަބާއާއި ތަހުނިޔާ އަރިސްކޮށްފައެވެ. އަދި އެފަދަ ޝަރަފުވެރި ޤައުމީ ކާމިޔާބީތަކުގެ އަޞްލަކީ، ކުންފުނީގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތާއި، އެ ފަރާތްތަކުން ދެއްވާ އަގުހުރި އެއްބާރުލުމާއި، ކުންފުންޏާމެދު ބަހައްޓަވާ އިޚްލާޞްތެރި ވަފާތެރިކަން ކަމުގައި އެމް.ޑަބްލިޔު.އެސް.ސީއިން ފާހަގަކުރެއެވެ

ގުޅުންހުރި ލިޔުންތައް