- Advertisement -spot_img

ނުރައްކާތެރިކޮށް ދުއްވާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަނީ

ރާއްޖޭގައި އަމަލުކުރަން ފެށި އައު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދު ދުއްވައިފިނަމަ ފަންސައަވީސް ހާސް ރުފިޔާއާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އަދި މިފަދަ ކަމެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ ނުވަތަ މީހަކު މަރުވެއްޖެނަމަ ޖިނާއީ ދައުވާ ކުރުމުގެ އިތުރުން ފަސް އަހަރާއި ދިހަ އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ބާތިލުކުރެވޭނެއެވެ. މީގެއިތުރުން ލައިސަންސް ނެތް މީހަކަށް ނުވަތަ ކުޑަކުއްޖަކަށް އުޅަނދު ދުއްވަން ދީފިނަމަ ފަންސައަވީސް ހާސް ރުފިޔާއާއި ފަންސާސް ހާސް ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

ލައިސަންސް ނެތި ދުއްވައިފިނަމަ ފުރަތަމަ ފަހަރަށް އެއްހާސް ރުފިޔާ، ދެވަނަ ފަހަރަށް ފަނަރަސަތޭކަ ރުފިޔާ އަދި ތިންވަނަ ފަހަރަށް ދެހާސް ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އިތުރުވާ ކޮންމެ ފަހަރަކު ޖޫރިމަނާ ދެގުނަވާނެއެވެ. ކަނޑައަޅާފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވައިފިނަމަ ފުރަތަމަ ފަހަރަށް ދެހާސް ރުފިޔާ، ދެވަނަ ފަހަރަށް ތިންހާސް ރުފިޔާ އަދި ތިންވަނަ ފަހަރަށް ފަސްހާސް ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. ރަޖިސްޓްރީ ނުކޮށް އުޅަނދު ދުއްވައިފިނަމަ ދުއްވި މީހާ ދިހަހާސް ރުފިޔާއިން އަދި އުޅަނދުގެ ވެރިފަރާތް އެއްހާސް ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

ގަވާއިދާ ހިލާފަށް ޕާކުކުރުމުން ފަސްސަތޭކަ ރުފިޔާއިން ޖޫރިމަނާކުރާއިރު މަގު ކަންމައްޗާއި ކަފިހިހުރަސް ފަދަ ތަންތަނުގައި ޕާކުކުރުމުން ފަނަރަސަތޭކަ ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޕާކިން ޒޯނުތަކުގައި ޕާކުކޮށްފިނަމަ ދެހާސް ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުއްވަމުން ފޯނު ބޭނުންކުރުން ފަދަ ކަންކަމަށް ހަތްސަތޭކަ ފަންސާސް ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅާފައިވެއެވެ. އާ ގާނޫނުގެ ދަށުން ކުށްކުރާ ފަރާތްތަކުގެ ލައިސަންސްއިން ޑީމެރިޓް ޕޮއިންޓް އުނިކުރެވޭނެއެވެ. އަދި ޕާކިން ޖޫރިމަނާ ފަސްހާސް ރުފިޔާއަށްވުރެ ބޮޑުވެއްޖެނަމަ އެ ފައިސާ ދައްކާ ޚަލާސްކުރަންދެން އުޅަނދު ބޫޓުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

ގުޅުންހުރި ލިޔުންތައް