- Advertisement -spot_img

އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕްލިކޭޝަން ލޯންޗްކޮށްފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، ”އެސްއެމްއީ ޑިޖިޓަލް“ މޮބައިލް އެޕްލިކޭޝަން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މިއީ އެސްއެމްއީ ޑިޖިޓަލްގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި ހޯދުނު އިތުރު މުހިންމު ކުރިއެރުމެއްކަމަށް އެ ކުންފުނިން ދެކެއެވެ. މި އެޕްލިކޭޝަން ލޯންޗުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފްއެވެ.

މިއަދު ތައާރަފުކުރި މި އެޕްލިކޭޝަން މެދުވެރިކޮށް، ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތައް ހޯދުމުގެ މަގު ވަނީ ފަހިވެފައެވެ. މި އެޕްލިކޭޝަނަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ ޑިޖިޓަލް ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ އެޕެކެވެ. އެގޮތުން މި އެޕް މެދުވެރިކޮށް އެސްއެމްއީ ޑިޖިޓަލްގެ ތަފާތު ހިދުމަތްތަކަށް އެދުމާއި، ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ މައުލޫމާތު ވަގުތުން ބަލާލުމުގެ އިތުރުން، ނަގާފައިވާ ފައިނޭންސިންގ ފެސިލިޓީތައް ބަލައި މެނޭޖްކުރުމާއި ފައިސާ ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.

މީގެއިތުރުން، ވަގުތުން ލިބޭ ނޮޓިފިކޭޝަންތަކާއި މުހިންމު އަޕްޑޭޓްތައް ބަލާލުމާއި، އެސްއެމްއީ ޑިޖިޓަލްއާއެކު ސީދާ މުއާމަލާތްކުރުމުގެ ފުރުސަތުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލިބިގެންދާނެއެވެ. އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް އިފްތިތާހުކުރުމާ ގުޅޭގޮތުން އެ ކުންފުނީގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އެސްއެމްއީ ޑިޖިޓަލްއިން އަބަދުވެސް މަސައްކަތް ކުރަނީ ވިޔަފާރިވެރިންނަށް ހިދުމަތްތައް ހޯދުމާއި މެނޭޖްކުރުން ފަސޭހަކޮށްދޭނެ ޑިޖިޓަލް ހައްލުތައް ހޯދައިދިނުމަށް ކަމަށެވެ. އަދި މި މޮބައިލް އެޕް ތައާރަފުކުރުމުން ރަމްޒުކޮށްދެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، އަވަސް އަދި ފަސޭހަ މާލީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތް ކަމަށާއި، މިއީ ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށް ވުމަށް ކުރާ ދަތުރުގައި ލިބުނު އިތުރު މުހިންމު ކުރިއެރުމެއް ކަމަށް ސީއީއޯ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކުރިއަށް އޮތްތަނުގައި އިތުރު އާ ފީޗާތައް މޯބައިލް އެޕަށް އިތުރުކުރެވޭނެ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ. މުސްތަގުބަލުގައި މި މޮބައިލް އެޕް މެދުވެރިކޮށް އިތުރު އާ ހިދުމަތްތަކެއް ތައާރަފުކުރުމަށް ނިންމާފައިވާއިރު، މީގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ވިއްކޭނެ ފަދަ ޑިޖިޓަލް މާކެޓްޕްލޭސެއް ހިމެނެ އެވެ. މި އެޕްލިކޭޝަން ދާދި އަވަހަށް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ އިން ޑައުންލޯޑް ކުރެވޭނެއެވެ.

އެޕް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށްވާތީ، ކަސްޓަމަރުންގެ އެކައުންޓަށް މި ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުމުން އެކަން އަންގަމުންދާނެއެވެ. މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި ވިޔަފާރިތަކަށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހިދުމަތްތައް ފޯރުކޮށްދީ، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ގެންގުޅޭ ފުޅާ ތަސައްވުރުގެ މުހިންމު ބައެކެވެ.

ގުޅުންހުރި ލިޔުންތައް