ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 9 އަހަރުގެ ކުޑަ ކުއްޖާގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް 7 ކައިރިން އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓްކޮށްފައިވަނީ 2026 އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ 21:04 އެހައިކަންހާއިރުއެވެ.
މި ހާދިސާ ހިނގި ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި ފުލުހުން މިހާތަނަށް ކޮށްފައިވާ ތަހުގީގުން އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި ކޮންޓްރޯލް ނުވެގެންނެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ. އަނިޔާވި ދެ މީހުންނަށް ވެސް ހުޅުމާލެ ހޮސްޕިޓަލުގައި ގެންދަނީ ފަރުވާ ދެމުންނެވެ. އަދި އޭގެ ތެރެއިން 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެކްސިޑެންޓްވި ސައިކަލު ދުއްވާފައިވަނީ އެ ކެޓެގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތެއް ކަމަށެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



