މި އަހަރުގެ ތެރޭގައި ސަރުކާރުގެ ވަޒީފާތަކަށް އިތުރަށް މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ސިއްހީ ދާއިރާއަށް ކަމަށާއި، އެގޮތުން އިތުރު މެޑިކަލް އޮފިސަރުން ހޯދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އާންމުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ކުރިއަށްގެންދަވާ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމުގެ ތިންވަނަ އެޕިސޯޑުގައި، ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރަކު ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުންނެވެ.
އެ ބައްދަލުވުމުގައި ޑޮކްޓަރު ވަނީ ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާއިރު މުވައްޒަފުން މަދުވުމުގެ އިތުރުން، މަތީ ތައުލީމަށް ގިނަ ޑޮކްޓަރުންތަކެއް ވަކިވުމުން ހިދުމަތް ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވާފައެވެ.
އެ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ސިއްހީ ދާއިރާއަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަން ހައްލުކުރުމަށްޓަކައި އެކި ބެޗްތަކަށް ބަހާލައިގެން މުޅިއެކު ގާތްގަނޑަކަށް 2,000 މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މީގެއިތުރުން، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އާންމު ބަލިތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ ގޮތް ހެދުމަށްޓަކައި ހުޅުމާލެ ފިޔަވަހި 1 އަދި 2 ގައި ޖީޕީ ކްލިނިކް ގާއިމުކުރުމުގެ މަސައްކަތް މިހާރު ހަވާލުކޮށްގެން ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ކްލިނިކްތަކުގެ މަސައްކަތް ނިމި ހިދުމަތް ފެށުމުން، އެ ތަންތަނަށްވެސް އިތުރު މުވައްޒަފުން ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.



