އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި އާ ސަފީރު ތޯރިގް އިބްރާހީމް، އެ ޤައުމުގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ ޔޫއޭއީގެ ރިޔާސީ ގަނޑުވަރު، ޤަސްރު އަލް ވަތަންގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ޔޫއޭއީގެ ރައީސް ވަނީ ސަފީރު ތޯރިގް މަރުޙަބާ ދަންނަވައި، އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. ސަފީރު ޠާރިޤް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ރައްޔިތުންގެ ފަރާތުން ތަހުނިޔާ އަރިސްކުރައްވައި، ދެ ޤައުމުގެ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 15 މާރިޗު 1978 ގައެވެ. ސަފީރު ޠާރިޤް އިބްރާހީމަކީ ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި 7 ވަނަ ސަފީރެވެ.



