spot_img

ގާނޫނާ ހިލާފަށް ޑޮލަރު ވިއްކާ ފަރާތްތަކާމެދު ގާނޫނު ތަންފީޒުކުރާނެ: އިހުސާން

ކަޅު ބާޒާރުގައި އެކްސްޗޭންޖަރުން މެދުވެރިކޮށް ބޮޑު އަގުގައި ޑޮލަރު ވިއްކަން ބައެއް ރިސޯޓުތަކުން ޑޮލަރު ނެރެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ގާނޫނާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރާ ފަރާތްތަކާމެދު ގާނޫނު ތަންފީޒުކުރައްވާނެ ކަމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުތައް ތަންފީޒުކުރުމުގައި ސަރުކާރުގެ އެހީތެރިކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެދުމާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ތަންފީޒީ އިދާރާތަކުން ފަށާފައިވެއެވެ. އެކަންކަމުގެ މައުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިހުސާނު ވިދާޅުވީ މިހާތަނަށް ބޭރު ފައިސާއިން ވިޔަފާރިކުރާ ހަތް ތަނެއްގެ މައުލޫމާތު ބަލާފައިވާ ކަމަށެވެ. އެގޮތުން އެ ހަތް ތަނުން ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި 76 މިލިއަން ޑޮލަރު ވިއްކާފައިވާކަން ފާހަގަކުރެއްވުނު ކަމަށް އިހުސާނު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވީ އެމްއެމްއޭއިން ހުއްދަ ނަގައިގެން ބޭރު ފައިސާގެ ވިޔަފާރިކުރާ ތަންތަނުގެ އިތުރަށް، އެ ހުއްދަ ނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ގިނަ ތަންތަން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެގޮތަށް ހުއްދަ ނުނަގައި ބޭރު ފައިސާގެ މުއާމަލާތްކުރުމަކީ ރާއްޖޭގައި ޖިނާއީ ކުށެއްކަން ފާހަގަކުރައްވަމުން އިހުސާނު ވިދާޅުވީ ޖިނާއީ ކުށަކުން ލިބޭ ފައިސާ ބޭނުންކުރުމަކީ އެ ފައިސާއިން އެހެނިހެން މުއާމަލާތްތައް ކުރުމަކީ ގާނޫނުގައި ބަޔާންކުރާ ގޮތުން މަނީ ލޯންޑަރިންގެ ކުށަށް ފެތޭނެ ކަމެއް ކަމަށެވެ.

ފައިސާ އެކްސްޗޭންޖުކުރާ ތަންތަނަކީ ބޭރު ފައިސާ ގައުމަށް އެތެރެކުރާ ތަންތަނަށްނުވާތީ އެތަންތަނަށް ފައިސާ ލިބެނީ ކިހިނެއްތޯވެސް މިހާރު ފަށާފައިވާ ތަހުގީގުގެ ތެރެއިން ބައްލަވާފައިވާ ކަމަަށް ވަޒީރު ވިދާޅުވިއެވެ. އެގޮތަށް ބެއްލެވި ބެއްލެވުމުގެ ތެރެއިން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތައް، ހާއްސަކޮށް ރިސޯޓުތަކުން، ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާކަމަށްވެސް ވިދާޅުވިއެވެ.

“އެހެންވީމާ އަޅުގަނޑުމެން މިބެލީ ކޮން ބައެއްތޯ މި މީހުންނަށް ބޭރު ފައިސާ ދެނީ އެކްސްޗޭންޖުކުރުމުގެ ބޭނުމަށްޓަކައި. ބަލައިލިއިރު މީގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގައި ޑޮލަރުން އާމްދަނީ ހޯދާ ފަރާތްތައް. އަންފޯޗުނޭޓްްލީ މީގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ރިސޯޓުތައް. އޭގެ ތެރެއިން އެެއް ފަރާތުން މިދިޔަ ނުވަ މަސް ތެރޭގައި، މިދެންނެވީ ރިސޯޓު ޗެއިނަކުން މިދިޔަ ނުވަ މަސް ތެރޭ ހަތަރު މިލިއަން ޑޮލަރު ކަޅު ބާޒާރުގައި މާރުކޮށްފައި،” އިހުސާން

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ބޭރު ފައިސާގެ ގާނޫނުގެ ދަށުން ރިސޯޓުތަކުން ބޭންކިން ނިޒާމަށް މާރުކުރަންޖެހެނީ އެއަށްވުރެ މާ ކުޑަ އަދަދެކެވެ. އެ ނިޒާމުގެ ތެރެއިން މާރުކުރަން ދަތިވާކަމަށް ރިސޯޓުތަކުން ބުނާއިރު ކަޅު ބާޒާރަށް ނެރެން ބޭނުންވުމުން ޑޮލަރުގެ ދަތިކަމެއް އެ ފަރާތްތަކަށް ނުހުންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އިހުސާނު ވިދާޅުވީ ރިސޯޓުތަކުގެ އިތުރަށް، ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އެކި ހިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކުން އެ ވިޔަފާރިތަކަށް ލިބޭ އާމްދަނީވެސް ކަޅު ބާޒާރުގައި މާރުކުރަމުންދާކަމަށާއި، ޑޮލަރުން މުސާރަ ލިބޭ މުވައްޒަފުން އެމީހުންނަށް ޑޮލަރުން ލިބޭ މުސާރަވެސް ކަޅު ބާޒާރުގައި ވިއްކަމުންދާކަމަށެވެ.

ހުއްދަނުނަގައި ޑޮލަރު މާރުކުރުމަކީ ރާއްޖޭގައި ޖިނާއީ ކުށެއްކަން ތަކުރާރުކޮށް ފާހަގަކުރައްވަމުން ވަޒީރު އެދިވަޑައިގަތީ ހުއްދަ އޮންނަ ތަންތަން މެދުވެރިކޮށް، މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓާ އެއްގޮތަށް ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށެވެ.

ކުރީގައި މިކަމާ ގުޅުންހުރި ގާނޫނުތައް ތަންފީޒުނުކުރެވި އޮތުމަކީ ދާއިމަށް އެ ގާނޫނުތައް ތަންފީޒުނުކުރެވި އޮންނާނެ ސަބަބެއްކަމަަށް ނުބެލުމަށް އެދިވަޑައިގަންނަވަމުން ވަޒީރުވަނީ މިހާރު ފެށުނު މަސައްކަތްތަކާއެކު އެމްއެމްއޭގެ ގާނޫނާއި ބޭރުފައިސާގެ ގާނޫނު ތަންފީޒުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

“މިހާތަނަށް އައިއިރު ބައެއް ގާނޫނުތައް ތަންފީޒުނުކުރެވި އޮތް އޮތުން އެއީ ކަލްޗާއެއްގެ ގޮތުގައި ރާއްޖޭގައި އޮތުުމަކީ ދުވަހަކުވެސް ގާނޫނުތައް ތަންފީޒުނުކުރާނީ ކަމަށް ބަލައިގެންނުވާނެ. ރޭޓާ ހިލާފަށް އެކްސްޗޭންޖުކުރުމަކީ ކޮންމެ ޓްރާންސެކްޝަނަކަށް ފައިންކުރެވޭނެ ކަމެއް،” ވަޒީރު ވިދާޅުވިއެވެ.

އިހުސާނު ވިދާޅުވި ގޮތުގައި ޕެރަލަލް މާކެޓުގައި ޑޮލަރުގެ އަގު އުފުލޭ އުފުލުމަކީ އާއްމުކޮށް ބާޒާރުގައި ކަންކަން ހިނގާ ގޮތަށް ހިނގަމުންދާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން އިހުސާނު ވިދާޅުވީ އެ ސަބަބަށްޓަކައި މި ގާނޫނުތައް ތަފާތުކުރުމެއް ނެތި ތަންފީޒުކުރަންޖެހޭ ކަމަށެވެ. ތަކުރާރުކޮށް ވަޒީރު ވިދާޅުވެފައިވަނީ ކުރިން ގާނޫނުތައް ތަންފީޒުނުކޮށް އޮތަސް ކުރިއަށް އޮތް ތަނުގައި އެ ގާނޫނުތައް ތަންފީޒުކުރައްވާނެ ކަމަށެވެ.

spot_img

ގުޅުންހުރި ލިޔުންތައް