- Advertisement -spot_img

އުލިގަމުގައި ޔޮޓު މެރީނާ ތަރައްޤީކުރަން ބިން އެމްޕީއެލްއާ ޙަވާލުކޮށްފި

ތިލަދުންމަތީ އުތުރުބުރީ އުލިގަމުގައި ޔޮޓް މެރީނާއެއް ޤާއިމުކުރުމަށް ބޭނުންވާ ބިން ހޯދުމުގެ ގޮތުން އެމްޕީއެލްއާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކެޕްޓަން ހުސެއިން ޝަފީޤެވެ. އަދި އުލިގަމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލުގެ ރައީސް އަސަދުﷲ މުހައްމަދެވެ.

އެމްޕީއެލުން ބުނީ އުލިގަމުގައި ޔޮޓު މެރީނާ ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މި މަހު ފަށާނެކަމަށެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ކުޑަކޮށް ތަރައްޤީކުރި ނަމަވެސް، މުސްތަޤުބަލުގައި މި މަޝްރޫއު އިތުރަށް ފުޅާވެގެންދާނެކަމަށް އެމްޕީއެލުން ބުންޏެވެ.

އެންމެ ފުރަތަމަ ފަށާއިރު 18 ޔޮޓަށް ޖާގަ ކަނޑައެޅުނުނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާވެގެންދާނެކަމަށް އެމްޕީއެލުންބުންޏެވެ.

އުލިގަމަކީ ޒަމާނުއްސުރެ ގިނަ އަދަދަކަށް ބޭރުގެ ޔޮޓުފަހަރު ޒިޔާރަތްކުރަމުންދާ ރަށެކެވެ. ނަމަބެސް މިހާތަނަށް މެރިޓައިމް ދާއިރާއިން އެ އުޅަނދުފަހަރަށް އެކަށީގެންވާ ޚިދުމަތްތަކެއް ދެވޭނެ އިންތިޒާމެއް މިހާތަނަށް އެރަށުގައި ޤާއިމްވެފައި ނެތެވެ. އަދި މިފަދަ މެރީނާއެއް ޤާއިމުވުމަކީ ރައްޔިތުން ދެކެމުން އައި ވަރަށް ބޮޑު އުއްމީދެކެވެ.

މިއީ އެރަށުގެ އިޤްތިޞާދަށްވެސް ފައިދާތަކެއް ވާނެ މަޝްރޫޢުއެއްކަން އުލިގަމު ކައުންސިލުން ފާހަގަކުރެއެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އުލިގަމަކީ، ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރުގެ މަގުތަކާ ކައިރީގައި އޮންނަ ރަށަކަށް ވުމާއެކު، އެ ރަށުގައި ޔޮޓު މެރީނާއެއް ޤާއިމުކުރުމަކީ ރާއްޖޭގެ މެރިޓައިމް އަދި ޓޫރިޒަމް ދާއިރާއަށް ލިބިގެންދާނެ ކުރިއެރުމެކެވެ.

ގުޅުންހުރި ލިޔުންތައް