- Advertisement -spot_img

އެމްއެމްއޭ އިން ޒުވާނުންނަށް 10 އިންޓާންޝިޕްގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކި ދާއިރާތަކުން އަމަލީ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ޒުވާނުންނަށް 10 އިންޓާންޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން އެމްއެމްއޭ އިން ބުނީ މިއީ ދެ ހަފުތާއާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި އިންޓާންޝިޕްގެ މަސައްކަތު ވަގުތަކީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މި އިންޓާންޝިޕްގެ ދަށުން އެމްއެމްއޭގެ ތަފާތު ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އިކޮނޮމިކްސް، އައިޓީ، ފިންޓެކް، ބޭންކިން، ލީގަލް، މީޑިއާ، އަދި އެޗްއާރު ފަދަ މުހިންމު ދާއިރާތައް ހިމެނޭ ކަމަށް އެ އިދާރާއިން ބުންޏެވެ.

މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، އެ ފަރާތެއްގެ ތައުލީމީ ފެންވަރަށް ބަލައި މަހު އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އޯލެވެލް ނުވަތަ އޭލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ފެށިގެން މާސްޓާޒް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކާ ހަމައަށް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކުގެ ތައުލީމީ ފެންވަރަށް ބަލައި މަހު އުޖޫރަ ދިނުމަށް ހަމަޖެހިފައިވާ ގޮތް:

• އޯލެވެލް ނުވަތަ އޭލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް: 8,000 ރުފިޔާ

• ޑިގްރީ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް: 9,000 ރުފިޔާ

• މާސްޓާޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް: 10,000 ރުފިޔާ

މި އިންޓާންޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަންޖެހެއެވެ. ފޯމު ހުށަހަޅަންޖެހެނީ ’careers.gov.mv‘ ޕޯޓަލް މެދުވެރިކޮށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި ފޯމާއެކު ސީވީ އާއި ތައުލީމީ ސެޓްފިކެޓްތައް ހުށަހަޅަންޖެހޭނެއެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުދިން މި ޕްރޮގްރާމުގައި ބައިވެރިވާނަމަ، ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ހުށަހަޅަންޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް