ރާއްޖޭގެ ޕޭމަންޓް ސިސްޓަމް “ފަވަރަ” އާއި އިންޑިއާގެ “ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް” (ޔޫޕީއައި) ގުޅާލައި، ސިކުންތުކޮޅެއްގެ ތެރޭގައި އިންޑިއާއަށް ފައިސާ ފޮނުވޭ ޚިދުމަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިފްތިތާޙުކޮށްފިއެވެ.
އެކަމަށްޓަކައި މިއަދު މަރުކަޒީ ބޭންކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ޚިދުމަތް ފައްޓަވައިދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގައި އަލަށް މި ޚިދުމަތް ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ އެކުގައެވެ. މި ދެ ބޭންކުގެ ކަސްޓަމަރުންނަށް މިހާރު އިތުރު އެޕްލިކޭޝަނެއް ބޭނުންކުރުމަކާ ނުލައި، ބޭންކުގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް އިންޑިއާގެ ޔޫޕީއައި ބޭނުންކުރާ އެކައުންޓްތަކަށް ސީދާ ފައިސާ ފޮނުވޭނެއެވެ.
މި ނިޒާމުގެ ދަށުން ފައިސާ ފޮނުވާ ފަރާތުން ދިވެހި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުން ފައިސާ ދެއްކުމުން، ފައިސާ ލިބޭ ފަރާތުގެ އިންޑިއާ ބޭންކު އެކައުންޓަށް ވަގުތުން ފައިސާ ޖަމާވާނީ އިންޑިއާ ރުޕީސް (އައިއެންއާރް) އިންނެވެ. މިއީ ރާއްޖޭގެ ބޭންކް އެކައުންޓަކުން ހަމަ އެބޭންކުގެ އެހެން އެކަންޓަކަށް ފައިސާ ފޮނުވުން ފަދަ ފަސޭހަ އަދި ރައްކާތެރި މުޢާމަލާތެއް ކަމަށް އެމްއެމްއޭއިން ހަމާކުރެއެވެ.
މި ޚިދުމަތަކީ 24 ޖުލައި 2025 ގައި އެމްއެމްއޭ އާއި އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަންގެ ބައިނަލްއަޤްވާމީ ގޮފި، އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފެށި ޚިދުމަތެކެވެ. މި މަޝްރޫޢަކީ އެމްއެމްއޭ، ޕޭމަންޓް މޯލްޑިވްސް، ރިޒާވް ބޭންކް އޮފް އިންޑިއާ، އެންއައިޕީއެލް އަދި ދެ ޤައުމުގެ ކަމާގުޅޭ މާލީ އިދާރާތަކުން ގުޅިގެން ކުރިއަށް ގެންދާ ޚިދުމަތެކެވެ. އަދި އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި އެންއައިޕީއެލް އާއެކު ހެދުނު އެއްބަސްވުމުގެ ދަށުން މިފަދަ ޚިދުމަތެއް މިހާ އަވަހަށް ފެށިގެންދިޔަ ފުރަތަމަ ޤައުމަކީވެސް ދިވެހިރާއްޖެއެވެ.
މިއީ ރާއްޖޭގެ އަމިއްލަ ޕޭމަންޓް އިންފްރާސްޓްރަކްޗަރއެއް ބައިނަލްއަޤްވާމީ ނިޒާމަކާ ގުޅާލެވުނު ފުރަތަމަ ފަހަރެވެ. މިއާއެކު، އިންޑިއާގެ ޔޫޕީއައި ނިޒާމާ ބައިނަލްއަޤްވާމީގޮތުން ގުޅާލެވުނު މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވެއެވެ. މީގެ ކުރިން މިފަދަ ގުޅުމެއް ގާއިމުކޮށްފައިވަނީ ހަމައެކަނި ސިންގަޕޫރާއި ނޭޕާލުގައެވެ.
ޔޫނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) އަކީ މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޑިޖިޓަލް ފައިސާގެ މުއާމަލާތްތައް ހިންގާ ނިޒާމެވެ. ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އިން އިސްވެ ހިންގާ މި ނިޒާމަކީ ގޫގުލް ޕޭ، ފޯންޕޭ އަދި ޕޭޓީއެމް ފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުންކުރެވޭ ޕްލެޓްފޯމެކެވެ. ފާއިތުވި 2025 ވަނަ އަހަރާއި މިއަހަރު ތެރޭގައި މި ޕްލެޓްފޯމް މެދުވެރިކޮށް ގާތްގަނޑަކަށް 241.6 ބިލިއަން މުއާމަލާތް ހިންގާފައިވާއިރު، މީގެ ޖުމްލަ އަގު ގާތްގަނޑަކަށް 3.56 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އަދި ހަމައެކަނި މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް 22.7 ބިލިއަނާ ގާތްކުރާ އަދަދަކަށް މުއާމަލާތްތައް ހިންގާފައިވެއެވެ. މިއީ ދުވާލަކު އެވްރެޖްކޮށް 757 މިލިއަން މުއާމަލާތެވެ.
ރާއްޖޭގައި މި ޚިދުމަތް ތަޢާރަފުކުރަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. މިހާރު ފަށާފައިވާ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ ޕަރސަން ޓު ޕަރސަން (ޕީ2ޕީ) މުޢާމަލާތްތަކެވެ. ދެވަނަ ފިޔަވަހީގައި ކިއުއާރް ކޯޑް ބޭނުންކޮށްގެން ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ޕަރސަން ޓު މަރޗަންޓް (ޕީ2އެމް) ނިޒާމު ތަޢާރަފުކުރުމުގެ މަޝްވަރާތައް ދަނީ ކުރިއަށެވެ.
މިވަގުތު މި ޚިދުމަތް ބޭނުންކުރެވެނީ ހަމައެކަނި ރާއްޖެއިން އިންޑިއާއަށް ފައިސާ ފޮނުވުމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވޭނެ ނިޒާމުގެ ޓެސްޓުތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. ބޭރު ފައިސާގެ ގަވާއިދާ އެއްގޮތަށް، މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނީ ހުއްދަކުރެވިފައިވާ ކަންކަމަށެވެ. އޭގެ ތެރޭގައި ތަޢުލީމީ ޚަރަދުތަކާއި، ދިގު މުއްދަތުގެ މެޑިކަލް ވިސާ އޮންނަ ދިވެހިންގެ ބޭސްފަރުވާގެ ޚަރަދާއި، އާއިލީ ޚަރަދުތައް ހިމެނެއެވެ. ކޮންމެ ކަސްޓަމަރަކަށްވެސް މަހަކު ފޮނުވޭނީ ގިނަވެގެން 24,000 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 250 ޑޮލަރު) އެވެ. އަދި ބޭންކުތަކުން ބޭނުންވެއްޖެ ހާލަތެއްގައި، މިއަށްވުރެ ކުޑަ ލިމިޓެއް ކަނޑައެޅުމުގެ އިޚުތިޔާރު އެ ބޭންކަކަށް ލިބިގެންވެއެވެ.
ފައިސާ ފޮނުވުމުގެ ކުރިން، ފައިސާ ލިބޭ ފަރާތުގެ އެކައުންޓްގެ ސައްހަކަން ޔޫޕީއައި މެދުވެރިކޮށް ކަށަވަރުކުރެވޭނެއެވެ. ފައިސާ ފޮނުވާ ފަރާތަށް ބޭނުންވާ އެކްސްޗޭންޖް ރޭޓާއި ބޭންކު ފީތައް އަދި ފައިސާ ލިބޭ ފަރާތުގެ ނަން ފެންނަން ހުންނާނެއެވެ.
އެމްއެމްއޭ އިން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ފިޔަވަހިތަކުގައި ވިޔަފާރިތަކަށް ކިއުއާރް މެދުވެރިކޮށް ފައިސާ ދެއްކުމާއި އިތުރު ޑިޖިޓަލް ޚިދުމަތްތައް ތަޢާރަފުކުރެވި، ދެ ޤައުމުގެ މާލީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.
މި “ފަވަރަ-ޔޫޕީއައި” ގުޅުމަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ޕޭމަންޓް ނިޒާމުތަކާ ރާއްޖެ ގުޅާލުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްއެމްއޭއިން ދެކެއެވެ. މީގެ ސަބަބުން އާންމު ފަރުދުންނަށް އަވަސް، ލުއިފަސޭހަ އަދި އަގުހެޔޮކޮށް ފައިސާ ފޮނުވުމުގެ މަގު ފަހިވެގެންދާނެ ކަމަށްވެސް އެމްއެމްއޭއިން ހާމަކުރެއެވެ.



