ދިވެހި ޒުވާނުންނަކީ ޤައުމުގެ އިޤްތިޞާދު ބިނާކުރުމުގައި ސަރުކާރުގެ އެންމެ މުހިންމު ބައިވެރިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”ދަ ޕަލްސް“ ޕްރޮގްރާމްގެ 5 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އެންމެ މައި އިސްކަމެއް ދެވޭ ދާއިރާއަކީ ޒުވާނުން ތަރައްޤީކުރުމުގެ ދާއިރާ ކަމަށެވެ. އަދި ޤައުމުގެ އިޤްތިޞާދު ބިނާކުރުމުގައި ސަރުކާރުން އެންމެ ބޮޑު ބައިވެރިއެއްގެ ގޮތުގައި ބަލަނީވެސް ޒުވާނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ބާޒާރު ނުވަތަ ”ކްރިއޭޓިވް އިކޮނޮމީ“ ކުރިއަރުވައި، 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތައަށްވުރެ މަދުނޫން އަދަދެއް އެ ދާއިރާއިން ހިއްސާކުރާނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރައްވާނެ ކަމަށެވެ.
ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި ސަރުކާރުން ގެންގުޅޭ ”ވަށާޖެހޭ ސިޔާސަތު“ ގެ ދަށުން ކުރެވޭނެ ބައެއް މުހިންމު ކަންކަން ރައީސް ވަނީ ތަފްޞީލުކޮށްދެއްވާފައެވެ.
އޭގެ ތެރޭގައި ޒުވާނުންނަށް އާމްދަނީ ހޯދޭނެ އެކި ކަހަލަ ސްކީމްތައް ތަޢާރަފްކުރުމާއި އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިކޮށްދިނުމާއި، މަތީ ތަޢުލީމުގެ ފުރުޞަތުތަކަށްފަހު ވަޒީފާގެ ބާޒާރަށް ނުކުމެވޭނެ ސީދާ މަގުތަކެއް (ޕާތުވޭސް) ޤާއިމުކުރުން ހިމެނެއެވެ. އަދި ތަޢުލީމީ ނިޒާމުގެ ތެރެއިން ކުރިއަށްދާނެ މަގުތައް ސާފުކޮށް ނުފެންނަ ޒުވާނުންނަށް ޚާއްޞަ ފުރުޞަތުތަކެއް ހޯދައިދިނުމާއި ޒުވާނުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ފަހިކޮށްދީ، ދިރިއުޅުމުގެ ފެންވަރު މަތިކުރުން ހިމެނެއެވެ.
ރައީސް ވިދާޅުވީ ”ކްރިއޭޓިވް އިކޮނޮމީ“ ނުވަތަ އުފެއްދުންތެރި އިޤްތިޞާދެއް ރާއްޖޭގައި ހަޤީޤީ ސިފައެއްގައި ޤާއިމުކޮށް، ޒުވާނުންގެ އަމިއްލަ އުފެއްދުންތެރިކަން ކުރިއަށް ގެންދެވޭނެ ގޮތްތައް ހަދައިދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށެވެ.
މި ސިޔާސަތުތައް ތަންފީޒުވެގެން ދިއުމާއެކު، ޒުވާނުންނަކީ އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބާރުވެރި ބަޔަކަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.



