spot_img

”ރައްޔިތުންގެ އަޑު“ގައި ބައިވެރިވުމަށް ހަތަރު ދާއިރާއަކުން ނަން ހުށަހެޅުމުގެ ފުރުސަތު

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ދިނުމަށް ފަށާ ”ރައްޔިތުންގެ އަޑު“ ސިލްސިލާގައި ބައިވެރިވުމަށް އިތުރު ހަތަރު ދާއިރާއަކުން ނަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ހުޅުވާލީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ މީހުން ރައީސް އޮފީހުގެ ވެބްސައިޓްގައިވާ ޕޯޓަލް މެދުވެރިކޮށް މި މަހުގެ 27 ވަނަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓު ކުރުމަށް ރައީސް އޮފީހުން ވަނީ އެދިފައެވެ.

”ރައްޔިތުންގެ އަޑު“ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުމުގައި ފުރުސަތު ހުޅުވާލީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.

މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު މިހާރު ވަނީ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.

spot_img

ގުޅުންހުރި ލިޔުންތައް