ކީރިތި ޤުރްއާން ތިލާވަތުކުރުމަކީ އިންސާނާގެ ހަށިގަނޑަށާއި، ރޫޙަށާއި، ހިތަށް ނުހަނު ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނުވައިދޭ ކަމެއް ކަމަށާއި، އެއީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަސްލު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަން“ މި މައުޞޫއަށް މިއަދު ދިން ހުތުބާގައި ބުނީ، މާތް ﷲގެ މަތީން ހަނދުމަކޮށް ޒިކުރުކުރުމުގެ މަތިވެރި މަޤުޞަދުގައި ކިޔެވޭ މި މުޤައްދަސް ފޮތަކީ ކޮންމެ ހެއުކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލު ކަމަށެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަމުގެ މައްޗަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، އެ ފޮތުގެ އުޞޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، އެ ފޮތް ކިޔެވުމުގައި ދެމިހުންނަ މީހަކީ، ގެއްލުމެއްނުވާނޭ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެއް ކަމަށެވެ. މީގެ އިތުރުން، ޤުރްއާން ކިޔަވާ ކޮންމެ އަކުރަކަށްމެ ދިހަ ހެއުކަމުގެ ޘަވާބު ލިބޭނެކަން ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން އެނގޭ ކަމަށްވެސް ބުންޏެވެ.
ޤުރްއާން ކިޔަވައި، އޭގެ އާޔަތްތަކާ މެދު ވިސްނައި ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރުވެވަޑައިގެން، އެބައިމީހުންނަށް ޓަކައި ހެއު ދުޢާކުރައްވާނެ ކަމަށް ހުތުބާގައި ބުންޏެވެ. އަދި އެފަދަ މީހުންނަށް ޝައިޠާނާގެ ނުބައިކަމުން ރައްކާތެރިކަން ލިބި، މާތް ﷲގެ ތަނަވަސްވެގެންވާ ރަޙުމަތާއި ހިތްހަމަޖެހުން ފައިބާނެކަން ފާހަގަކުރިއެވެ.
ހުތުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، އިންސާނާގެ ހަށިގަނޑަށް ލިބޭ ބާރަކީ އޭނާގެ ހިތުގެ ވަރުގަދަކަމާ ގުޅިފައިވާ ކަމެކެވެ. ހިތުގެ ބާރުގަދަވީ ވަރަކަށް ހަށިގަނޑުގެ ބާރާއި ދިރުން އިތުރުވާނެ ކަމަށާއި، ޤުރްއާނަކީ މުއުމިނުންނަށް އޮތް ޝިފާއެއް ކަމަށް މާތް ﷲ ވަނީ ވަޙީކުރައްވާފައެވެ. ”ޛިކުރުކުރުމުން އިންސާނާއަށް ލިބިދޭ ބާރުވެރިކަމުގެ ސަބަބުން، ކުރީން ކުރަން އުނދަގޫވާނެކަމަށް ހީވި ކަންކަން ވެސް ފަސޭހަކަމާ އެކު ފުރިހަމަކުރުމުގެ ތައުފީޤުލިބެއެވެ.“
ޤުރްއާން ކިޔެވުމުގައި ފަރިތަ މީހުންނާއި، އުނދަގުލާއެކު ކިޔަވަން މަސައްކަތްކުރާ މީހުންނަށްވެސް މަތިވެރި ދަރުމަ ހުރިކަން ހުތުބާގައި ހަނދާންކޮށްދިނެވެ. އެގޮތުން، އުނދަގޫކަމާ އެކު އަޅައަޅައިގަނެގެން ޤުރްއާން ކިޔަވާ މީހާއަށް ދެ ދަރުމަ ހުރި ކަމަށް ރަސޫލާގެ ޙަދީޘްފުޅުގައިވެއެވެ. މިއީ އެ ފޮތް އުނގެނުމަށް ހިތްވަރު ދިނުމުގެ ގޮތުން އޮތް ކަމެއްކަން ހުތުބާގައި ފާހަގަކުރިއެވެ.
މިއަދުގެ ހުތުބާ ނިންމާލަމުން ވަނީ ހުރިހާ މުސްލިމުންވެސް މާތް ﷲގެ ފޮތާ މެދު ތަޤުވާވެރިވުމަށް ގޮވާލާފައެވެ. ހުރިހައި ހެއުކަމެއް ވަނީ އެ ފޮތުގައި ހިފެހެއްޓުމާއި އެ ފޮތް މަތިވެރިކުރުމުގައި ކަމަށާއި، ހުރިހައި ނުބައިކަމެއް ވަނީ އެ ފޮތް ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައި ކަމަށް ބުނެ ނަސޭހަތްތެރިވެފައެވެ.



