- Advertisement -spot_img

މާލޭގެ ތިން ސަރަހައްދެއްގައި އަލިފާނުގެ ހާދިސާތަކެއް ހިނގައި ބޮޑެތި ގެއްލުންތަކެއް

މާލޭގެ ތިން ސަރަހައްދެއްގައި އަލިފާނުގެ ހާދިސާތަކެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެއްޖެއެވެ.

ގ. ހުދުރުވާގޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ހާމަކޮށްފައެވެ. އެންޑީއެމްއޭގެ ޗީފް އެގްޒެކްޓިވް ހިސާން ހަސަން ވިދާޅުވި ގޮތުގައި، މި ހާދިސާގައި އެ ގޭގެ އެއް ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ރޯވި އަލިފާނުގެ ސަބަބުން ކޮޓަރީގައި ހުރި އެނދާއި އޭސީ އަނދާފައިވާއިރު، މުޅި ކޮޓަރި ވަނީ ދުމުން ކަޅުވެފައެވެ. މިއީ ހަތަރު މީހުން ދިރިއުޅެމުން އައި ގެއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލެއިން ދެން އަލިފާނުގެ ހާދިސާއެއް ރިޕޯޓުކޮށްފައިވަނީ މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރީ ހުރި އިމާރާތަކުންނެވެ. ހިސާން ވިދާޅުވި ގޮތުގައި އެތަނަކީ ފޮތި ރައްކާކޮށްފައި ހުރި ގުދަނެކެވެ. އެތަނުން އަލިފާން ކޮންޓްރޯލް ކުރެވިފައި ވިޔަސް، އަދިވެސް ދުން އަރަމުންދާތީ އެ ތަން ފަޔަރ އެންޑް ރެސްކިއު ޓީމުން އަންނަނީ މޮނިޓަރކުރަމުންނެވެ.

ކަލާފާނު ސްކޫލު ކައިރީގައި ހުރި ގެއަކުން ދުން އަރަމުންދާތީ އެކަމަށް ވެސް އެމްއެންޑީއެފުން ވަނީ އެޓެންޑުވެފައެވެ. މީގެ އިތުރުން، މުނިޔާ މަގުގައި ހުރި ގެއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އެނގިފައިވާ ގޮތުގައި މިއީ ބިދޭސީން ދިރިއުޅޭ ތަނެކެވެ. އަދި އަލިފާން ރޯވުމާ އެކު އެ މީހުން ވަނީ އެމީހުންގެ ބައެއް މުދަލާއެކު ބޭރަށް ނިކުމެފައެވެ. މި ހާދިސާތައް ހިނގަން މެދުވެރިވި ސަބަބު އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ

ގުޅުންހުރި ލިޔުންތައް