އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން މިރޭ ވިލިމާލެއާ ދިމާ ބޭރުން ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ހަވާއެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 21:45އާއި 22:15އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 5 މިނެޓެއްކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިއަހަރުގެ އަޟްޙާ ޢިދު މާލެ އާއި އަތޮޅުތެރޭގައި ވަނީ ވަރަށް ކުލަ ގަދަކޮށް ފާހަގަކޮށްފައެވެ. މާލޭގައި ވަނީ ސަލާމަތީ ބާރުތަކާއި ސަރުކާރު ކުންފުނިތައް ގުޅިގެން ޢާއިލި ހަވީރެއް ކުރިއަށް ގެންގޮސްފައެވެ. މާލޭ ޖުމްހޫރީ މައިދާން ސަރަޙައްދާއި ސަލްޓަން ޕާކު ސަރަހައްދުގައި ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ކުޑަކުދިންނަށް ޚާއްސަ ހަވީރެއް ބާއްވާފައެވެ. އެގޮތުން އެމްއެންޑީއެފް އަދި ފުލުހުންގެ ސްޓޯލްތަކުގައި އެކި ކުޅިވަރުތައް، ޢިދު ދުވަހާއި ޢީދާއި ގުޅިގެން ބަންދުވި 3 ދުވަހު ހަވީރުވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެއިތުރުން ހުޅުމާލޭ ފޭސް 1 ގެ ސެންޓްރަލް ޕާކުގައި އަދި ފޭސް 2 ގެ ހިޔާ ޕާކު ސަރަޙައްދުގައިވެސް ސަލާމަތީ ބާރުތަކާއި ސަރުކާރު ކުންފުނިތަކުންވަނީ ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކާއެކު ހަވީރެއް ކުރިއަށްގެންގޮސްފައެވެ. ހިޔާ ސަރަޙައްދުގައި އެމްއެންޑީއެފް އަދި ވެމްކޯއިން ހަރަކާތްތަކެއްވަނީ ކުރިއަށްގެންގޮސްފައެވެ. ސެންޓްރަލް ޕާކުގައިވެސް އެމްއެންޑީއެފް، ޕޮލިސް، ޕީއެސްއެމް، އެޗްޑީސީ، ސްޓެލްކޯ، ވެމްކޯ، އެމްޕީއެލް، އެމްއޭސީއެލް، އެމްޑަބްލިއުއެސްސީންވަނީ ކުޅިވަރުތަކާއެކު އިންތިޒާމުކޮށްފައެވެ.



