ފަރުވާކުޑަ ގޮތަކަށް ދުއްވުމުގެ ސަބަބުން ހިނދުކޮޅެއްގެ ތެރޭގައި މުޅި އުމުރު ބަދަލުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ދެއްވައި، މަގުމަތީގެ ޤަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، ރައްކާތެރިކަމާއެކު މަގުތައް ބޭނުންކުރުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި މުޖުތަމަޢުގެ ސަލާމަތާއި ލާބަޔަށްޓަކައި ކޮންމެ ފަރުދަކަށް ވެސް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ މަގުމަތީގެ ޤަވާއިދުތަކަށް ތަބާވުން ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ފަރުވާކުޑަކަމުން ހިނގާ ކުޑަ ހިނދުކޮޅެއްގެ ސަބަބުން ވެސް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ފަރުވާކުޑަ ގޮތަކަށް ދުއްވުމުން އަމިއްލަ ނަފްސަށާއި އަނެކުންގެ ދިރިއުޅުމަށް ދާއިމީ ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ދެއްވައި، މަގުމަތީގައި ދުއްވާއިރު ސަމާލުކަމާއި ތަރުތީބު އިސްކުރުމަށް އާންމުންނަށް ގޮވާލައްވާފައެވެ.
މާލޭގައި ހިނގާ އެކްސިޑެންޓުތަކުގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވައި، ސިނަމާލެ ބްރިޖާއި ހައިވޭއަކީ އެކްސިޑެންޓުތައް ގިނައިން ހިނގާ ސަރަޙައްދުތަކެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލަކުގައި ވެސް ސީރިއަސް އެކްސިޑެންޓުތައް ގިނައިން ރިޕޯޓުކުރެވޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ އޭޕްރީލް މަހު ރިޕޯޓުކުރި އެކްސިޑެންޓުތަކުގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12 އިންސައްތަ އިތުރުވެފައިވެއެވެ. އޭޕްރީލް މަހު ޖުމްލަ 874 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން ގިނައީ މަގުމަތީގެ އެކްސިޑެންޓުތަކާ ގުޅުންހުރި މައްސަލަތަކެވެ.
މިދިޔަ އަހަރު ފުލުހުން ރެކޯޑުކޮށްފައިވާ ގޮތުގައި 3076 އެކްސިޑެންޓު ހިނގާފައިވެއެވެ. އަދި މި އަހަރު މިހާތަނަށް 1064 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.



