އެއްބަސްވުންތައް ގާއިމުކުރުމާއި ގުޅުންތައް ބަދަހިކުރުމުގައި ރާއްޖެ އޮތީ ތައްޔާރަށް ކަމަށާއި ކަނޑުތައް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ބައިނަލްއަޤުވާމީ އޮނިގަނޑުތަކާއި ސަރަޙައްދީ އެއްބާރުލުން ނުހަނު ބޭނުންކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން، އައިއޯޓީސީގެ 30 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ރަސްމީކޮށް ފެށުމައް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެއެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ ވާހަކަފުޅުގައި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމުގައި ދިވެހިރާއްޖެއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރުވަނީ މި ސަރަހައްދަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށް ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން ކަނޑުތަކުގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލައިފައިވާ ނިޒާމަކީ، ހުރިހާ ގައުމެއްގެ ޚާއްސަ ބޭނުންތައް، ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ މައްސަލަތައް ހައްލުކުރުމަށް އެކަށޭނެ ނިޒާމަކަށްވުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވައި މަސްވެރިކަމާ ގުޅޭ މުހިންމު ނިންމުންތަކުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހަމަހަމަ ހިއްސާ ކަށަވަރުކުރުމަށް، މި ގައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ފޯރޮކޮށްދިނުމަކީވެސް މުހިންމުކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައިވަނީ ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ޖަމްޢިއްޔާތައް އެކުއެކީގައި އެއް ލަނޑުދަނޑިއެއް ހާސިލްކުރުމަށް މަސައްކަތްކުރުމަށްވެސް ގޮވާލައްވާފައެވެ. އަދި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވަޒީރު އިރުތިޝާމް ދެއްވިއެވެ.
އައި.އޯ.ޓީ.ސީ. ގެ މި ބައްދަލުމުކީ މިމަހުގެ 11 އިން 15 އަށް ރާއްޖެގައި ބާއްވާ ބައްދަލުވުމެކެވެ. 2011 އިން ފެށިގެން އައި.އޯ.ޓީ.ސީ. ގެ މެމްބަރު ގައުމަކަށްވުމަށްފަހު ދިވެހިރާއްޖެއިން ދަނީ މި ޖަމުއިއްޔާގައި އިސް ދައުރެއް އަދާކުރަމުންނެވެ. ހާއްސަގޮތެއްގައި ދެމެހެއްޓެނިވި މަސްވެރިކަމުގެ ދާއިރާއިން ކުދިޖަޒީރާ ގައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތެކެއްދަނީ ކުރަމުންނެވެ.



