ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ކަމުގައި ހުންނަވަނިކޮށް ސުޕްރީމް ކޯޓުގެ ހުކުމާއިއެކު މެންބަރުކަމުން ވަކިވި މުހައްމަދު ސިނާން ކުރިއަށް އޮތް ބައި-އިލެކްޝަންގައި ވާދަނުކުރަން ނިންމައިފިއެވެ.
ޕީއެންސީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރީ ސިނާނެވެ.
ނަމަވެސް ސިނާން މީގެ އިރުކޮޅެއް ކުރިން އާންމުކުރި ބަޔާނެއްގައި ވިދާޅުވީ، ފާއިތުވި ތިން ދުވަހު ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕީއެންސީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އޭނާ ފަހަތަށްޖެހި އެހެން އައު ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމާފައިވާ ކަމަށެވެ.
ސިނާން ވިދާޅުވީ، އެ ނިންމުން ނިންމި ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕީއެންސީން ނުކުންނަ ކެނޑިޑޭޓެއް އިންތިހާބު ކޮށްދިނުމަށް އޭނާ ފުރިހަމަ ބައިވެރިވުމާއި އޭނާގެ ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމަށެވެ.
”އަޅުގަނޑުގެ މިނިންމުން މިހާރު ޕާޓީގެ ލޮބުވެތި ރައީސަށާއި ލީޑާޝިޕަށް މިހާރުވާނީ ދަންނަވާފައެވެ. އަޅުގަނޑުގެ ނިންމުން ޕާޓީގެ ރައީސާއި ލީޑާޝިޕް އިހްތިރާމާއެކު ވަނީ ބަލައިގެންފައެވެ. މާތްﷲގެ ހެޔޮރަހުމަތާއެކު ޕާޓީން ކެނޑިޑޭޓެއް ދެއްކިހާ އަވަހަށް އަޅުގަނޑު އެ ކެނޑިޑޭޓާއެކު ތިޔަ ލޮބުވެތި ރައްޔިތުންގެ އަރިހަށް ދާނަމެވެ. އަޅުގަނޑުގެ އިހްލާސްތެރި އެދުމަކީ ހުރިހާރައްޔިތުން އައު ރޫހެއްގައި އަޅުގަނޑާއެކު ނުކުމެ އަޅުގަނޑުމެންގެ ޕާޓީގެ ކެނޑިޑޭޓް އިންތިޚާބު ކޮށްދެއްވުމެވެ.“ ސިނާން ވިދާޅުވިއެވެ.
ސިނާން ވަނީ ޕްރައިމަރީގައި އޭނާއަށް ވޯޓު ދެއްވި އެންމެހާ މެންބަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ.



