- Advertisement -spot_img

ފޭދޫ ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް

އައްޑޫ ފޭދޫ ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެމްއެންޑީއެފުންނާއި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފޭދޫ ބޮޑުމަގުގައި ހުންނަ ސްކޫލްގައި ރޯވި ހާދިސާގައި އެތަނުގެ ކްލާސް ރޫމް ބްލޮކެއްގެ މަތިން ބޯކޮށް ދުން އަރާ މަންޒަރު ފެނެ އެވެ. މި ހާދިސާއާ ގުޅިގެން ސްކޫލްގެ ކްލާސްރޫމްތަކުންނާއި ސްކޫލްގެ މުވައްޒަފުން ތިބޭ ބައިތަކުން މުވައްޒަފުންނާއި ދަރިވަރު ވަނީ ބޭރަށް ނެރެފަ އެވެ.

ސްކޫލްގައި ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ސްކޫލްގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލްކޮށްފައިވާ އިރު، ރޯވި ބްލޮކްގެ ބައިތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ ފޭދޫ ސްކޫލްގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 08:20 ހާއިރު ކަމަށެވެ. އެއާ އެކު ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެތަނަށް ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައި، ރޯވި އަލިފާން 08:56 ހާއިރު އެއްކޮށް ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ފޭދޫ ސްކޫލަކީ އެ އަވަށުގެ ހަމައެކަނި ސްކޫލެކެވެ. އެތަނުގައި ކިޔަވާ ދަރިވަރުންގެ އަދަދު 500 އަށް ވުރެ ގިނަ އެވެ. ފޭދޫ ސްކޫލް ހުޅުވީ 1972 ގަ އެވެ.

ފޭދޫ ސްކޫލްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގި އިރު، ގއ. ވިލިގިނލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް މި މަހުގެ 3 ވަނަ ދުވަހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް