ތިލަމާލެ ބްރިޖް ނިންމަން އާ ތާރީޚެއް އެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވިގޮތުގައި އެފްކޮންސް އިން މިހާރު ބުނަނީ އަންނަ އަހަރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ނިންމޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ބްރިޖްގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.
އެމަނިކުފާނު ދާޅުވީ ކޮންޓްރެކްޓަރ، ބުރިޖުގެ މަސައްކަތް ނިންމަން ދިން ތާރީޚްތައް ފަހަނައަޅާފައި، ޕްރޮޖެކްޓް ވަރަށް ބޮޑަށް ލަސްވަމުންދާތީ ސަރުކާރުން އެކަމާ ކަންބޮޑުވާ ކަމަށެވެ.
”ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް މިކަމުގައި ކުރަމުން މިދަނީ. މިހާރު އަނެއްކާވެސް އެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެ. ވަރަށް ބޮޑަށް ބަލާފައި އެ މުއްދަތު ދީފިން. ކުރިންވެސް ތާރީޚް ދިން. އެކަމަކު ދިމަލެއް ނުވި. މިހާރު 2027އަށް ނިންމަން ކޮންޓްރެކްޓަރ ތާރީޚް ދީފައިވަނީ،“ ރައީސް ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް އެންމެ ފުރަތަމަ ނިންމަން ކަނޑައެޅީ، 2023 ވަނަ އަހަރުއެވެ. ނަމަވެސް އެ ތާރީޚަށް މަސައްކަތް ނުނިމި ދިގުލާ، އޭގެ ފަހުންވެސް ކޮންޓްރެކްޓަރު އެދިގެން އެކި ފަހަރުމަތިން މުއްދަތު އިތުރުކޮށްދީފައިވެއެވެ.
ތިލަމާލެ ބްރިޖް މަޝްރޫޢުގައި މިހާތަނަށް ނިމިފައިވަނީ %71.60 މަސައްކަތެވެ.
މިހާރު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ސައިޓުގައި ކުރަމުންދަނީ ބްރިކް ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކްއަށް ބޭނުންވާ 1222 ސެގްމަންޓްސްގެ ތެރެއިން މިހާތަނަށް %84 ސެގްމަންޓްސް ކާސްޓްކޮށް ވަނީ ނިމިފައެވެ. އަދި %54 ސެގްމަންޓްސް އިންސްޓޯލްކޮށް ވަނީ ނިމިފައެވެ.
ގުޅިފަޅުގައި މިވަގުތު ކުރިއަށްދަނީ ބްރިޖާ ގުޅިގެން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތެވެ. އަދި ތިލަފުށީގައި މިވަގުތު ކުރިއަށްދަނީ ބްރިޖާއި ގުޅިގެން ތިލަފުށީގައި ޖެހުމަށް ހަމަޖެހިފައިވާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި ކަލްވާޓްސް ހަރުކުރުމުގެ މަސައްކަތެވެ.
ބުރިޖާއި ކޯޒްވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ. މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލައެވެ.
މުޅި މި މަޝްރޫޢަށް 500 މިލިޔަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދިވެހި ސަރުކާރުންވެސް މި މަޝްރޫޢަށް ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.



