ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި ތެލެސީމިއާ ބަލި ތަޙައްމަލުކުރަމުންދިޔަ ޒުވާނެއް ކަމަށްވާ ޢަބްދުލް މުޢިއްޒު ޙަސަން އަހަވާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އުމުރުން 37 އަހަރުގެ މުޢިއްޒު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު، މިއަދު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
އަވަހާރަވިއިރު މަސައްކަތްކުރައްވަމުން ގެންދެވީ އެޗްޑީސީ ކޮންޓްރެކްޓް މެނޭޖުމަންޓް ޑިޕާޓްމަންޓުގައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްހުމްހޫރިއްޔާ ވިދާޅުވީ ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވި ޚަބަރު އެމަނިކުފާނު އަޑުއެހީ ފުންހިތާމައާއެކު ކަމަށެވެ.
އޭނާ އަކީ އެޗްޑީސީގެ މުވައްޒަފުންގެ ކްލަބްގެ ރައީސްގެ ހައިސިއްޔަތުންވެސް ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއް ކަަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ތެލަސީމިއާ މީހެއްގެ ހައިސިއްޔަތުން މުޢިއްޒު ވަނީ އެ ބަލި ތަޙައްމަލުކުރާ އެހެން މީހުންނާއި ކުދިންގެ ޙައްޤުގައި އަޑުއުފުއްލަވައި، ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.



