- Advertisement -spot_img

އިގްތިސާދީ ދާއިރާއިން އައްޑުއަށް އޮތީ ރަންޒަމާނެއް: ރައީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ހަބަކަށް އައްޑޫ ހެދުމަށް ކުރާ މަސައްކަތުން ކުރިއަށް އޮތީ ރަން ޒަމާނެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

”ދަ ގްރޭޓަރ އައްޑޫ“ އިވެންޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ހަބަކަށް އައްޑު އަތޮޅު ހެދުމަށްޓަކައި ސަރުކާރުން ނިންމާ އެކަމުގެ ސިޔާސަތު ރިޔާސީ ބަޔާނުގައި އިއުލާނު ކުރެއްވި ކަމަށެވެ.

މިއަހަރުގެ ތެރޭގައި އެކަމާ ގުޅޭ ޤާނޫނީ އަދި އިދާރީ މަސައްކަތްތައް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 1 ޖެނުއަރީ 2027 އިން ފެށިގެން 3 އަހަރަށް އެ ފުރުސަތު ހުޅުވާލައްވާނެ ކަމަށް ވިދާޅުވިއެވެ. މި މުއްދަތުގެ ތެރޭގައި އައްޑޫއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންވެސްޓް ކުރުމުގައި ޓެކްސް ފްރީ ޒޯނަކަށް ހައްދަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”މިއަހަރު ތެރޭގައި އެކަމާ ގުޅޭ ޤާނޫނީ އަދި އިދާރީ މަސައްކަތްތައް ނިންމާ، 1 ޖެނުއަރީ 2027 އިން ފެށިގެން ތިން އަހަރު ދުވަހަށް އައްޑޫސިޓިއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް، އިތުރުފަރާތްތައް އިންވެސްޓްކޮށް، ކުދި އަދި މެދުފަންތީގެ އެކިކަހަލަ ވިޔަފާރިތަކަށް އިންވެސްޓްކުރާނެ ރަން ޒަމާނަކަށް އެ ތިން އަހަރު ހެދުމަށްޓަކައި ބިމު ކުއްޔާއި، ޓެކްސް ފްރީކޮށް، ޓެކްސް ފްރީ ޒޯނަކަށް ހަދައިދީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއަރައިގެން ދިއުމުގެ ވަރަށް ފުރިހަމަ ފުރުސަތުތަކެއް 1 ޖެނުއަރީން 2027 އިން ފެށިގެން ތިން އަހަރަށް ހުޅުވާލުމަށް ސަރުކާރުން ނިންމާފައިވަނީ.“ ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ މިފަދަ ކަންކަމަށް އެންމެ ފަސޭހައިން ހުރަސްއެޅޭނެ ބަޔަކީ ކައުންސިލްތައް ކަމަށާއި، ބިން ތަކަކީ ކައުންސިލްތަކުގެ ދަށުގައި އޮންނަ އެއްޗެއް ކަމަށެވެ. އަދި ކައުންސިލުން ކޮށްލާ ކުޑަކުޑަ ކަމަކުން ސަރުކާރަށް މިފަދަ ބިންތައް ނުދީ ކައުންސިލަށް ހިފަހައްޓާލެވޭނެ ކަމަށެވެ.

އެހެންކަމުން ސަރުކާރާއި އެއްވިސްނުމެއްގައި އޮތް ކައުންސިލެއް އަދި މޭޔަރެއް އައްޑޫގައި ނެތްކަމަށް ވާނަމަ ވަރަށް ފަސޭހައިން މިކަންކަން ހުއްޓުވާލެވިދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް