ހުކުރު, ޑިސެމްބަރ 5, 2025
spot_img
- Advertisement -spot_img

ހުކުރު ނަމާދަށް ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވަނީ

ހއ. ދިއްދޫ އިސްލާމީ މަރުކަޒު މާދަމާ ހުޅުވަން ނިންމައިފިއެވެ.

ދިއްދޫ އިސްލާމީ މަރުކަޒަށް ނަން ދީފައިވަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ނިރުބަވެރި ޖަމާޢަތަކުން ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގައި ޝަހީދުވި އޭރު މާލެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި ޝަހީދު ޢުމަރު އަޙްމަދުގެ ނަމަށް ނިސްބަތްކޮށެވެ. ޝަހީދު ޢުމަރު އަޙްމަދު ނިސްބަތްވަނީވެސް ހއ. ދިއްދޫއަށެވެ.

އެ އިސްލާމީ މަރުކަޒުގައި، އިސްލާމީ ލައިބްރަރީއާއި ޤުރުއާން މަރުކަޒުގެ އައުޓްރީޗް ސެންޓަރު ވެސް ހުޅުވޭނެ ކަމަށެވެ.

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާ އެވެ. މި މަސައްކަތަށް ސަރުކާރުން 50 މިލިއަން ރުފިޔާ ހޭދަކުރެއެވެ. މިއީ 1500 މީހުންނަށް ނަމާދުކުރެވޭ ޖާގައާއެކު ތަރައްޤީކުރި މަރުކަޒެކެވެ.

ދިއްދޫ އިސްލާމީ މަރުކަޒުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 4 ކްލާސްރޫމެއް ހުންނާނެއެވެ. މީގެ އިތުރުން 2 ސެމިނާ ރޫމާއި އިސްލާމިކް ލައިބްރަރީއަކާއި އޮފީސް ޖާގައެއްވެސް ހިމެނެއެވެ.

މާދަމާ ދިއްދޫ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ދިއްދޫ އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާ ހުކުރު ނަމާދަށެވެ.

މާދަމާ ހަވީރު ދިއްދޫ އިސްލާމީ މަރުކަޒުގައި ޤާއިމްކުރެވިފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވުމަށް ހަމަޖެހިފައިވާއިރު، މާދަމާ ރޭ އިސްލާމީ މަރުކަޒުގައި ޤާއިމްކުރެވިފައިވާ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް