ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން އިތުރު 710 ހައުސިން ޔުނިޓް އިމާރާތްކުރަން ނިންމާފައިވާކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ހާމަކުރައްވައިފިއެވެ.
”ޕްރެސަރ ވިތު ދަ ސްޕޮކްސް” ސިލްސިލާގެ މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ތަރުޖަމާނު ވިދާޅުވީ ބީއެމްއެލްއާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދަނީ ހުޅުމާލޭގެ ދެ ފިޔަވައްސާއި ވިލިމާލޭގައި ހައުސިން ޔުނިޓުތައް ގާއިމުކުރުމުގެ މަސައްކަތްތައްކަމަށެވެ.
މި މަސައްކަތްތައް ކޮންޓްރެކްޓަރާ ހަވާލުކުރެވި އެއް ޕްރޮޖެކްޓް ފިޔަވައި އެހެން ޕްރޮޖެކްޓްތަކުގެ ޑިޒައިންގެ މަސައްކަތްތައް ނިންމައި އަމަލީ ފެށުމަށް ތައްޔާރުވެފައިވާކަމަށް ވިދާޅުވިއެވެ.
“ބީއެމްއެލްގެ ގާބިލުކަން އެބަހުރި އަދި މިއަށްވުރެ އިތުރުކުރަން، މިހާރު މި ހަވާލުކުރެވުނީ 3260 އިމާރާތްކުރަން، އަދި އިތުރު 710 ޔުނިޓް އިމާރާތްކުރަން އެބަ ހަވާލުކުރެވޭ ބޭންކާ، އޭގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްދަނީ ކުރިއަށް، އެހެންވީމަ ނިމޭއިރު ގާތްގަނޑަކަށް 4000 އެއްހާ ހައުސިން ޔުނިޓް އިމާރާތްކުރެވޭނެ،”. ތަރުޖަމާނު
ބީއެމްއެލްއިން ކުރިއަށްގެންދާ ތިން ކޮޓަރީގެ 3260 ހައުސިން ޔުނިޓަކީ ސޯޝަލް ހައުސިން ޕްރޮގްރާމްގެ ތެރެއިން ރައްޔިތުންނަށް ދޫކުރެވޭނެ ޔުނިޓްތަކެކެވެ. އެ ފްލެޓްތަކަކީ މިހާރު ކުރިއަށް ގެންދާ އާއިލީ ބޯހިޔާވަހިކަމުގެ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 60،000 ރުފިޔާ އިން ދަށުން އާމްދަނީ ލިބޭ މީހުންނަށް ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތަކެކެވެ. މި ފްލެޓްތައް ދޫކުރާނީ “ރެންޓް ޓު އޯން” މޮޑެލްގެ ދަށުން ބޭންކަށް ކުލި ދައްކާ އެތަނުގައި ދިރިއުޅެ، ވަކި މުއްދަތެއްގެ ތެރެއިން އެ ފްލެޓް އަމިއްލަ ކުރެވޭ ގޮތަށެވެ.
ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވިލިމާލެއާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް 3 ގައެވެ. އެގޮތުން ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ. މިހާތަނަށް ވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހީގައި އިމާރާތް ކުރާ 1224 ހައުސިން ޔުނިޓްއާ ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅާފައެވެ.
މި ހުރިހާ ފްލެޓުތަކެއްގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދު ތެރޭގައި ނިމޭނެ ކަމަށް ބީއެމްއެލް އިން އަންދާޒާކުރެއެވެ.



