މ. މުލަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހުޅުވައިފިއެވެ.
އެކަމަށްޓަކައި މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ.
މި ރަސްމިއްޔާޓުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާއި ހެލްތް މިނިސްޓަރު ގީލާ އަލީ އަދި އެރަށުގެ އިސް ފަރާތްތަކާއި ރައްޔިތުން ބައިވެރިވިއެވެ.
މުލަކުގައި ތަރައްގީ ކޮށްފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ބިލިއާރޑް، ޓޭބަލް ޓެނިސް އަދި ކެރަމް ކުޅެވޭނެ އެވެ. މީގެއިތުރުން މިތަނުގައި 2 ބެޑްމިންޓަން ކޯޓާއި، 2 ވޮލީ ކޯޓާއި، ފާހާނާއާއި އޮފީސް ރޫމެއް ހުރެ އެވެ. މިތަން ތަރައްގީ ކޮށްފައިވަނީ ޖިމަކާއި ކަރޯކޭ އަދި ޒުމްބާ ރޫމެއްވެސް ހިމެނޭގޮތަށެވެ.
މުލަކުގައި ޒުވާނުންގެ މަރުކަޒެއް ޤާއިމު ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށިފައިވަނީ 2008 ވަނަ އަހަރުއެވެ. އޭގެފަހުން އެކި ފަހަރުމަތިން މި ޒުވާނުންގެ މަރުކަޒުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށް ގޮސްފައިވެއެވެ.
2021 ވަނަ އަހަރު މިތަނުގެ އިންޑޯ ހޯލުގެ މަސައްކަތް ކުރުމަށް ކުންފުންޏަކާ ހަވާލުކުރެވުނު ނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން މި ސަރުކާރުން ކޮންޓްރެކްޓް ބާތިލުކުރިއެވެ.
މުލަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނިންމުމަށް އާރުޑިސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި 5.2 މިލިއަން ރުފިޔާއަށެވެ.



